ފާއިތުވެދިޔަ މަހުގެ ދައުލަތުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް

ފާއިތުވެދިޔަ މަހުގެ ދައުލަތުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް

2020ވަނަ އަހަރުގެ އޮގަސްޓްމަހާ އަޅާ ބަލާއިރު، ފައިތުވެދިޔަ މަހު މިރާއަށް ލިބުނު އާމްދަނީއަށް ބޮޑު ހިނަރުކަމެއް އަތުވެއްޖެއެވެ. މިގޮތުން، ފާއިތުވެދިޔަ އޮގަސްޓުމަހު، މީރާއަށް ލިބިފައިވާކަމަށް ހިސާބުތަކުން ދައްކާފައިވަނީ، 1.27 ބިލިއަން ރުފިޔާއެވެ.

މިއީ ފާއިތުވެދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު، %25.4 ދަށް އަދަދެކެވެ. އަދި މިއީ، އޮގަސްޓުމަހު ލިބޭނެ ކަމަށް ކުރިން އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ %3 ދަށް އަދަދެކެވެ.

މީރާއިން ބުނެފައިވަނީ، އޮގަސްޓްމަހު ލިބޭނެ ކަމަށް އަންދާޒާ ކުރިން ކޮށްފައިވާ އަދަދަށްވުރެ ދަށްކޮށް، އަދި ފާއިތުވެދިޔަ އަހަރާ އަޅާބަލާއިއިރު، ލިބުނު އާމްދަނީއަށް ވަރަށް ބޮޑުތަނުން ހީނަރުކަން އައިސްފައިވަނީ، ކޯވިޑް19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ ގުޅިގެން ކަމުގައެވެ.

އަދި މީގެ ސަބަބެއްކަމުގައި މީރާއިން ހާމަ ކޮށްފައިވަނީ، 2020ވަނަ އަހަރު ކުންފުނިތަކަށް ލިބިފައިވާ އާމްދަނީ ދަށްވެފައި ވުމުގެ ސބަބުން، އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމުގައެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުގެ އޮގަސްޓުމަހު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބިފައި ވުމަކީވެސް މިއަރުގެ އޮގަސްޓުމަހު ނިސްބަތުން ލިބިފައިވާ އާމްދަނީއަށް ތަފާތުތަކެއް އައުމަށް މެދުވެރިވީ އެއް ސަބަބުގެ ގޮތުގައި މީރާއިން ހާމަ ކޮށްފައި ވެއެވެ.

މިއަހަރު އޮގްސްޓުމަހު، މީރާއަށް ލިބިފައިވާ އާމްދަނީގެ ބޮޑުބައެއް ހިއްސާ ކޮށްފައިވަނީ ޖީއެސްޓީންނެވެ. އެއީ %53.8 ނުވަތަ 685.41 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، އިންކަމް ޓެކްސްއިންނެވެ. އެއީ %24.0 ނުވަތަ 305.27 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި %5.9، ނުވަތަ 75.62 މިލިއަން ރުފިޔާ، ވާކް ޕާމިޓް ފީގެ ގޮތުގައި %3.2 ނުވަތަ 40.18 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި %27 ނުވަތަ 33.81 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި %10.5 ނުވަތަ 133.42 މިލިއަން ރުފިޔާއެވެ.

ކޯވިޑް19ގެ ސަބަބުން، ރާއްޖޭގެ ޓުއަރިޒަމަށް ނޭދެވޭ އަސަރުކޮށް، ދައުލަތުގެ އާމްދަނީއަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުން އަދިވެސް ދައުލަތަށް އަރައިގަނެވިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *