ސަރުކާރުގެ ކުށްދައްކަން ނޫޅޭ، ހިމާޔަތާއި ރައްކާތެރިކަން ދަނީ ކަށަވަރު ކުރަމުން: ޤާސިމް

ސަރުކާރުގެ ކުށްދައްކަން ނޫޅޭ، ހިމާޔަތާއި ރައްކާތެރިކަން ދަނީ ކަށަވަރު ކުރަމުން: ޤާސިމް

ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ދޭންޖެހޭ ބޭފުޅުންނަށް ސަލާމަތްތެރިކަން ކަށަވަރު ކޮށްދެއްވުމުގައި ދިވެހި ސަރުކާރުގެ އެއްވެސް އިހުމާލުވުމެއް ނެތްކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތައް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާ ކުރުން ހުއްޓުވުމަށް ހުށަހެޅުއްވި ބިލުގެ ބުހުސްގައި ޤާސިމްވަނީ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ކަމަށްޓަކައި، ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

ޤާސިމްވަނީ ބިލުގެ ބަހުސްގެ މަރުހަލާގައި އިދިކޮޅު ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަތަކަށް ރައްދު ދެއްވާފައެވެ. ޤާސިމް ވިދާޅުވީ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން އަބަދުވެސް ސަރުކާރުގެ ކުށްދައްކައިގެން، ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް އެއީ އާކަމެއް ނޫންކަމަށާއި، އަބަދުވެސް މަޖިލިސް ތެރެއިން އެއީ ފެންނަ މަންޒަރެއްކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލިސް ރައީސް ނަޝީދަށްވެސް އަދި އެނޫން މީހުންނަށްވެސް ސަރުކާރުން ފުރިހަމަ ރައްކާތެރިކަން ދެމުންދާކަމަށެވެ.

މަޖިލީހުގެ ރައީސަށް ސަރުކާރުން އިނާޔަތް ދީފައިވަނީ ވަރަށް މަތީދަރަޖައަކަށް. އެމަނިކުފާނަށް ދިން ހަމަލާ ހަރުއަޑުން ކުށްވެރިކުރަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން ދިވެހި ސަރުކާރުން ހިމާޔަތްދޭންޖެހޭ ފަރާތްތަކަށް ހިމާޔަތް ނުދެވިގެން އިހުމާލު ކުރެވިގެންދާތަނެއް.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިފަދަ ގޮތަކަށް ވިދާޅުވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު، އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކޮށްނުދޭކަމަށް ބުނެ ދައްކަވަމުންދާ ވާހަތަކާއި ގުޅިގެންނެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަށްވާއިރު، ރާއްޖޭގައި މީހުން މެރުމަށާއި، އިންސާނިއްޔަތާއި ޚިލާފް ކަންކަމަށް ޖާދަދެވިގެން ނުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދިއެކަން ކަށަވަރުކޮށް ސަރުކާރުން ކުރާ މަސައްކަތަށް ޤާސިމް ވަނީ ތަޢުރީފް ކުރައްވާފައެެވެ.

މިބިލަށް ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ރައްކާތެރިކަން އޮތްކަމަށް ކަށަވަރު ނުކޮށްދޭކަމަށެވެ. އަދި ޚާއްސަކޮށް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު އެމަނިކުފާނަށް ރާއްޖެ ވަޑައި ނުގަނެވި ހުންނެވިއިރުވެސް، ސަރުކާރުން އެމަނިކުފާނަށް ރައްކާތެރިކަން އޮތްކަމަށް ވިދާޅުނުވެވޭކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *