މޯލްޑިވްސް އިމިގްރޭޝަންގެ ވިސާ ޑިވިޝަންގެ ޚިދުމަތް ކުރީގެ ސްޓަރ ސިނަމާ ޢިމާރާތަށް ބަދަލުކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މާދަމާއިން ފެށިގެން ވިސާ އާއި ގުޅޭ ހުރިހާ ޚިދުމަތެއް ދެމުންދާނީ ކުރީގެ ސްޓަރ ސިނަމާ ހިންގި މ.ސްޓާ ކުލައުޑުގެ އަށްވަނަ ފަންގިފިލާގައިކަމަށެވެ.
މި ބަދަލާއެކު އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަންގެ ވިސާގެ ޚިދުމަތް ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފައިވާއިރު، މީގެ ކުރިން އެ ޚިދުމަތް ދެމުން އައިސްފައިވަނީ ހުރަވީ ބިލްޑިންއިންނެވެ. ހުރަވީ ބިލްޑިން އަކީ ގިނަ ދުވަސްވީ ޢިމާރާތެއްކަމުން އެ އިމާރާތް މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.
ވިސާ އާއި ގުޅޭ ޚިދުމަތްތައް އިމިގްރޭޝަނުން ފޯރުކޮށްދެމުންދަނީ މިހާރު އޮންލައިންކޮށެވެ. އެގޮތުން ބިޒްނަސް ވިސާ، ސްޕެޝަލް ވިސާ، މެރިއޭޖް ވިސާ، ސްޓޫޑެންޓު ވިސާ، ޑިޕެންޑެންޓު ވިސާ، އާއި ސްޕޮންސަރޝިޕް ޑެކްލެރޭޝަންއަށް މޯލްޑިވްސް އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި އެޕްލިކޭޝަން ޕްރޮސެސްވުމުން ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމަންޓެއް ހަމަޖެހިގެންދާނެއެވެ. އަދި ޕާސްޕޯޓު ބަލާ އައުމަށްވެސް އެޕޮއިންޓްމަންޓެއް ހަމަޖެހިގެންދާނެއެވެ.
އިމިގްރޭޝަންގެ ޚިދުމަތް މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް އަންނަނީ ދެމުންނެވެ.





