ބިލު ކޮމެޓީއަށް ފޮނުވަން ނިންމުމުން ޔައުގޫބްގެ އިސްލާހުތައް ނަގައިފި

ބިލު ކޮމެޓީއަށް ފޮނުވަން ނިންމުމުން ޔައުގޫބްގެ އިސްލާހުތައް ނަގައިފި

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅި އިސްލާހުތައް އަނބުރާ ގެންދަވައިފިއެވެ.

ހިސާން ހުށަހެޅުއްވި ބިލުގެ މަސައްކަތްތައް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ބިލަށް އިސްލާހުތައް ޔައުގޫބް ހުށަހެޅުއްވިއެވެ. އެ އެ އިސްލާހުތައް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ވެސް ބައެއް އެމްޑީޕީގެ މެމްބަރުން އިއްޔެ ވިދާޅުވެފައި ވެއެވެ.

ޔައުގޫބްގެ ފަރާތުން އިތުރު އިސްލާހުތަކެއް ހުށަހެޅުއްވީ ވެސް ކޮމިޓީން އިސްލާހުތައް ގެނައި މައިގަނޑު މާއްދާތަކަށެވެ. މި ގޮތުން ޚިލާފް އުފެދިފައިވާ ކަންކަމުގައި ވަކި ރައުޔަތަކަށް މީހަކު ތާއީދު ކުރުމުން އިސްލާމީ ޝަޚްސިއްޔަތު ކަތިލާ ގޮތަށް ސިފަ ކުރުމުގެ ކުށަށް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ އިސްލާމީ ޝަޚްސިއްޔަތަށް އުނިކަން ދީ އޭނާއަށް އަނިޔާވެރިވާން ގޮވާލުމަކީ ކުށަކަށް ހެދުމަށެވެ.

މުރުތައްދުވެއްޖެ ކަމަށް ދައުލަތުގައި ސާބިތުވާ މީހަކާ ދިމާއަށް ކާފަރު ގޮވުމުގެ އިސްތިސްނާ ހާލަތުގެ މާއްދާއަށް ވެސް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ، ކުށަކަށް ވާނީ މުރުތައްދު ވެއްޖެ ކަމަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުން އެ ތުހުމަތު ކުރުމެވެ. އޭނާ މިވަނީ މި ދެ އިސްލާހު ނަގާ ބިލު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފުރުސަތު ދީފައެވެ.

ޔައުގޫބު ކުރިން ހުށައަޅުއްވާފައިވާ އިސްލާހު ތަކުގެ ތެރޭގައި ހިމެނެނީ ގާނޫނުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށައަޅާފައިވާ 124 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. ކުށް ކަނޑައެޅުމުގެ އެ މާއްދާއަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކަށް އަނިޔާވެރިވުމަށް ގޮވާލުމާއި އިސްލާމީ ޝަރީއަތުގައި މީހަކު ކުފުރުވެ މުރުތައްދުވެއްޖެ ކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ އާންމު ތަނެއްގައި މުސްލިމަކަށް ނިސްބަތްކޮށް އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ކުށެއް ކަމަށެވެ. ނަމަވެސް ވަކި ބަސްތަކަކީ ކުފުރުވެދާނެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުވެދާނެ އަމަލުތަކެއްކަން ބަޔާންކުރުމަށް މި މާއްދާ ހުރަސް ނާޅާ ކަމަށެވެ.

މީގެ އިތުރުން މާތްﷲ އާއި ކީރިތި ރަސޫލާ އާއި ކީރިތި ގުރުއާން އާއި ކީރިތި ރަސޫލާގެ ސުންނަތާއި އެކަލޭގެފާނުގެ އަހުލުބަައިތުންނާއި ސަހާބީންނާއި އަދި އިސްލާމްދީނާއި އިސްލާމީ ޝިއާރުތަކާމެދު ނަފުރަތު އުފެދޭ ގޮތަށް ފުރައްސާރަ ކުރުމާއި މަލާމަތް ކުުރުން ނުވަތަ އިސްލާމީދީނާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ މިފަދަ އަމަލަކަށް ހިތްވަރު ދިނުން ނުވަތަ މިފަދަ އަމަލެއް ކުރުމާއި އަދި ކުރުމުގައި ބައިވެރިވުމާއި ނުވަތަ އެކަމަށް ގޮވާލނުން ނުވަތަ އަމުރު ކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނަން ވަނީ ހުށަހަޅާފަ އެވެ.

ޔައުގޫބުގެ އިސްލާހުތަކުގައި ވަނީ ކުށްތައް ދަރަޖަ ކުރުމުގެ ބަޔާއި މަނާކުރުމުގެ ބަޔަށްވެސް އިސްލާހު ހުށައަޅުއްވާފަ އެވެ. މަޖިލީހުގެ ރިޔާސަތާއި އެމްޑީޕީގެ ބައެއް މެންބަރުންނާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައިވަނީ ކުށްތައް ދަރަޖަ ކުރުމުގެ ބަޔަށް ޔައުގޫބް މިއަދު އަލުން ހުށަހެޅުއްވި އިސްލާހަކާ ގުޅިގެންނެވެ.

ޔައުގޫބުގެ އިސްލާހު ތަކުގައި މާނަކުރުންތައް ގެނެސްފައިވާ ގޮތށް ބަލާއިރު "އާންމު ތަނެއް" ކަމަށް ބުނެފައިވަނީ ވަނީ އާންމުން ހިނގާބިނގައިވާ ތަންތަނާއި، އެ ތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބޭ ގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތައް ކަމަށެވެ.

އަަދި "އަނިޔާވެރިވުމަށް ގޮވާލުން" ކަމަށް ބުނެފައިވަނީ މީހެއްގެ ނަފްސަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުމެއް ދިނުމަށް ގޮވާލުމަށް ކަަމަށް ބުނެފައިވެ އެވެ. މީހަކު ކުރާ ކުށަކަށް އިސްލާމީ ޝަރީއަތުގަައިވާ ގޮތުގެ މަތިން ޝަރުއީ މަރުހަލާއަކުން އިސްލާމީ ޝަރީއަތުގައިވާ އަދަބެއް ދިނުމަށް ގޮވާލުން މި މާނައިގެ ތެރޭގައި ނުހިމެނޭ ކަމަށްވެސް އިސްލާހުގައިވެ އެވެ.

މީގެއިތުރުން "މުރުތައްދުވުން" ކަމަށް ބުނެފައިވަނީ ވަނީ އަހްލުއްސުންނަ ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި މުރުތައްދުވުމުގެ އަމަލެއް ކަމާއިމެދު ހިލާފެއް ނެތް އަމަލެއް ކުރުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *