ދަތުރުކުރާ ކުޑަކުދިން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

ދަތުރުކުރާ ކުޑަކުދިން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

ދަތުރުކުރާ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އެޗްޕީއޭން ހަމަޖައްސައިފި އެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ވުމެއްނެތި ދަތުރު ކުރެވޭ އުސޫލު މިއަދު އާންމު ކުރިއިރު ކުޑަކުދިން ދަތުރު ކުރާނަމަ ކަރަންޓީން ވާން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް މި އުސޫލު އާންމު ކުރުމާއެކު ގިނަބައެއްގެ ފާޑުކިއުން އަމާޒުވި އެވެ. ކުޑަކުދިންނަކީ ކޯވިޑް ވެކްސިން ޖެހޭ ބަޔަކަށް ނުވުމާއި، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ބަލިޖެހި ރަނގަޅުވެފައިވާ މީހުން ދަތުރުކުރާއިރު ކަރަންޓީންވާން ނުޖެހި ކުޑަކުދިން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭތީ ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެޗްޕީއޭއިން މިރޭ ވަނީ އުސޫލު ބަދަލުކޮށް ދަތުރުކުރާ ކުޑަކުދިން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ޖުލައި 8 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަވަންދެން، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ.

ކަރަންޓީން ނުވެ ދަތުރުކުރުމުގެ އުސޫލުގައި ވާގޮތުން ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައަށްވުރެ ދަށުގައި ހުރިހާ ދުވަހަކު، ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް، ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ކަރަންޓީނު ނުވެ ރަށަށްރަށަށް ދަތުރުކުރެވޭނެ އެވެ. އަދި ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައާއި 10 އިންސައްތަ އާއި ދެމެދު ހުންނަނަމަ، ދަތުރުކުރާ ފަރާތްތަކުން 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އަދި 10 އިންސައްތައަށްވުރެ ރޭޓް މަތި ނަމަ ހަމަ މިހާރުވެސް އަމަލުކުރަމުން ދާ އުސޫލުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *