މަހްލޫފްގެ މައްސަލަ ފުރިހަމަކޮށް އޭސީސީން ޕީޖީއަށް ފޮނުވައިފި

މަހްލޫފްގެ މައްސަލަ ފުރިހަމަކޮށް އޭސީސީން ޕީޖީއަށް ފޮނުވައިފި

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލައިގައި ޕީޖީ އޮފީހުން އިތުރަށް އޮޅުން ފިލުވަން ބޭނުންވި މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު މައްސަލައާއި ގުޅޭ ލިޔުންތައް އޭސީސީން އަނެއްކާ ވެސް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ އުފުލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އޭގައި ސާފު ކުރަން ހުރި އިތުރު ކަންކަން ސާފުކޮށްދޭން އެދުނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ފޮނުވި ސިޓީއަށް އިއްޔެ ޖަވާބު ދީފައިވާ ކަމަށް އޭސީސީން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ. އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ ޕީޖީ އޮފީހުން ރަނގަޅު ކުރަން އެދިފައިވާ ކަންކަން ފުރިހަމަ ކުރާނެ ކަމަށެވެ.

އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ. އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" ކުރާ ކަމެއްގެ ގޮތުގައި މަހްލޫފް ސިފަ ކުރައްވައެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *