މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ލިބޭގޮތަށް ހަމަޖައްސައިފި އެވެ.
މި ބަދަލާއެކު، ކަސްޓަމަރުންނަށް މުސާރައިގެ 5 ގުނަ އާ ހަމަޔަށް ފައިނޭންސިންގ އަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ފައިނޭންސިންގ އަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 7 ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެ ކަމަށްވެސް ބެންކުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަދު މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައި."
– ޓިމް ސޯޔަރ
އޮންލައިން ކޮށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ އިންތިޒާމް ބެންކުން ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން އީމެއިލް މެދުވެރިކޮށްވެސް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށް ގައުމީ ބެންކުން ބުނެއެވެ.