ގައުމީ މުހިންމު ކަންކަމުގައި މަޝްވަރާ ހޯދުމަށްޓަކައި، "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި ހާއްސަ މަޖިލީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކުލަވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމާއި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިއުމާއި، ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން ރައީސަށް ލަފާދިނުމަށް މި މަޖިލިސް އުފެއްދެވީ ކަމަށެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ސީދާ ރައީސެވެ.
މަޖިލީހުގެ މެންބަރުންގެ ތެރޭގައި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ކަމާލުއްދީން، އައްބާސް އިބްރާހީމް، އަބްދުއްރަޝީދު ހުސައިން، އަނީސާ އަހުމަދު، ޑރ. މުހައްމަދު ލަތީފު އަދި އިބްރާހީމް ރަޝީދު މޫސާ ހިމެނެއެވެ. އަދި ނިޝާން އަސްކަރީގެ ވެރިޔާ މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީ އާއި އަހުމަދު ނަސީމްވެސް ހިމެނެއެވެ.
މީގެއިތުރުން، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަސީރު، އާދަމް އަބްދުއްރަހުމާނު އަދި އަހުމަދު ޝާކިރު މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވައެވެ.
ރައީސަށް ލަފާދޭ މިފަދަ ހާއްސަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން ރައީސް އެންމެ ފުރަތަމަ އިއުލާންކުރެއްވީ، މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.






