ވަގުތު އެމްވީ އާއި ރެއިންބޯ ހިމެނޭހެން ޓެކްސް ނުދައްކާ ފަރާތްތައް އާއްމުކޮށްފި

ވަގުތު އެމްވީ އާއި ރެއިންބޯ ހިމެނޭހެން ޓެކްސް ނުދައްކާ ފަރާތްތައް އާއްމުކޮށްފި

ވަގުތު އެމްވީ އާއި ރެއިންބޯ އެންޓަޕްރައިސަސް ހިމެނޭހެން ޓެކުހުގެ ފައިސާ ނުދައްކާ އަދަދު އެއް މިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި ޑިސެންބަރު 2024 އިން ޖޫން 2026ގެ ނިޔަލަށް އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1،000،000 އަށްވުރެ ގިނަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

މީރާއިން ބުނީ، ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ.

އަދި އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން ބުނީ، ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ޓެކްސް ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް އެ ފަރާތްތަކާމެދު ތަފާތުކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށެވެ.

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އަދަދު އެއް މިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާއާއި މީޑިއާ ދާއިރާއާއި ހާޑްވެއާ ވިޔަފާރިތައް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *