ނުހައްގުން މުދާ ހޯދުމާއި އެފަދަ މުދާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ހުށަހެޅި ބިލެއް ނޫން ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ، ނުހައްގުން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. އައިފާން ވިދާޅުވީ، މިފަދަ ގާނޫނެއް ފާސްކުރަންޖެހޭ ކަމަށް އިދިކޮޅު މެންބަރުން ގަބޫލުނުކުރެއްވި ނަމަވެސް، ތަހުޒީބު މުޖުތަމައުތަކުގައި މިފަދަ ގާނޫނުތައް އެކުލަވާލަނީ ކުށްކޮށްގެން ޣައިރުގާނޫނީ ގޮތުގައި މުއްސަނދިކަން ހޯދާ ފަރާތްތައް ހުއްޓުވައި، އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި މި ބިލަކީ ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް އޭނާ ދޮގުކުރެއްވިއެވެ.
"މި ބިލު ހުށަހެޅުމާއެކު މިއީ ސިޔާސީ ވަކި ބަޔަކަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ބުނެ ދަނީ ވާހަކަ ދައްކަމުން. ޚާއްސަކޮށް އެމްޑީޕީގެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިއީ އެ ބޭފުޅުންނަށް އަމާޒުކޮށްފައިވާ ބިލެއް ކަމަށް. އަޅުގަނޑަކަށް ނޭނގޭ އެ ބޭފުޅުންނަށް އެގޮތަށް އިހުސާސްވާންވީ ސަބަބެއް. މި ބިލުގައި ވަކި އެމްޑީޕީގެ މެންބަރުން ހައްޔަރުކުރާކަށް ނެތް. އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މުދާ އަތުލާ ވާހަކައެއްވެސް ނެތް،" އައިފާން ވިދާޅުވިއެވެ.
މީގެއިތުރުން އައިފާން ފާހަގަކުރެއްވި ގޮތުގައި، މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް އަނބުރާ ހޯދުމެވެ.
މި މައުޟޫއަށް ވާހަކަދައްކަވަމުން، ނިމިދިޔަ ސަރުކާރުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބާޒާރުގެ އަގުތަކަށްވުރެ ބޮޑު އަގުގައި، މާލިއްޔަތު ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތައް ހިންގައިގެން ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާ މައްސަލައަށް އައިފާން އަލިއަޅުވާލެއްވިއެވެ. އަދި މިފަދަ ގާނޫނުތައް ހެދި، އޭގެ ތަންފީޒީ ބާރު ލިބިގެން ދިއުމުން، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ އެފަދަ އަމަލުތައް ހިންގަން މީހުން ފަސްޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






