ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓެއް ހިނގައި ފަސް މީހުންނަށް އަނިޔާވީ، އެއް ސައިކަލަކަށް ތިން މީހަކު އަރުވައިގެން، ވަންވޭއާ އިދިކޮޅަށް ދުއްވުމުން ކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައެވެ. ދެ ސައިކަލު ޖެހި ހިނގި މި ހާދިސާގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ޙާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން 4 މީހެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް އެ މީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެއް ސައިކަލުގައި 3 މީހުން އަރައިގެން ޓްރެފިކް ޤަވާޢިދާ ޚިލާފަށް ވަންވޭއިން އިދިކޮޅަށް ދަތުރުކުރުމުގެ ސަބަބުންނެވެ. މީގެއިތުރުން، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުންގެ ތަހުގީގުން ވަނީ ހާމަވެފައެވެ.
މި ހާދިސާއާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވި ހުރިހާ ސަބަބުތަކެއް ފުރިހަމައަށް ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.






