އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާ "ޑީޕްފޭކް" ނުވަތަ އަސްލު އޮޅުވާލައިގެން ތައްޔާރުކުރާ ވީޑިއޯއާއި އޯޑިއޯއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު ވަރުގަދަކުރުމުގެ ގޮތުން، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އެކަމަނާގެ އަމިއްލަ އަޑު ޓްރޭޑްމާކް ކުރުމަށް ޔޫރަޕިއަން ޔޫނިއަން އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް (އީޔޫއައިޕީއޯ) އަށް ހުށަހަޅުއްވައިފިއެވެ.
މިއީ އާންމު މަޝްހޫރު ބޭފުޅުންނާއި ސިޔާސީ ވެރިންގެ އަޑު އެކި ފަރާތްތަކުން ނާޖާއިޒު ގޮތުގައި ކްލޯންކޮށްގެން ސައްހަނޫން މައުލޫމާތު ފެތުރުމަށް ބޭނުންކުރަމުންދާތީ، އެކަމާ ދެކޮޅަށް އެޅުއްވި އާދަކާދައާ ހިލާފު ގާނޫނީ ފިޔަވަޅެކެވެ.
އީޔޫއައިޕީއޯއަށް ހުށަހެޅި މި ހުށަހެޅުމުގައި ބޮޑުވަޒީރު މެލޯނީ ވަނީ "އިއޯ ސޯނޯ ޖޯޖިއާ މެލޯނީ" (އަހަރެން މިއީ ޖޯޖިއާ މެލޯނީ) އިޓަލީ ބަހުން ވިދާޅުވާ 4 ސިކުންތުގެ އޯޑިއޯ ކްލިޕެއް ހިމަނުއްވާފައެވެ. މި ޖުމްލައަކީ 2019 ވަނަ އަހަރު ސިޔާސީ އެއްވުމެއްގައި އެކަމަނާ ވިދާޅުވި، އަދި ފަހުން އެކަމަނާގެ އަމިއްލަ ހަޔާތުގެ މައްޗަށް ލިޔުއްވި ފޮތުގެ ނަމަށްވެސް ބޭނުންކުރެއްވި މަޝްހޫރު އިބާރާތެކެވެ.
މި ހުށަހެޅުން އީޔޫއައިޕީއޯއިން ބަލައިގަނެފިނަމަ، ބޮޑުވަޒީރު މެލޯނީގެ އަޑު އެކަމަނާގެ ހުއްދައާ ނުލައި އޭއައި މެދުވެރިކޮށް ކްލޯންކޮށްގެން ނުވަތަ ކޮޕީކޮށްގެން ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް ޓްރޭޑްމާކް ގާނޫނުގެ ދަށުން އަވަސް ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ ކުރިންވެސް ބޮޑުވަޒީރު މެލޯނީގެ ސޫރައާއި އަޑު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސައްހަނޫން ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެ، އެކަމަނާ ވަނީ ކޯޓަށް މައްސަލަވެސް ހުށަހަޅުއްވާފައެވެ. މެލޯނީ ވިދާޅުވެފައިވަނީ އެކަމަނާއަށް އަމިއްލައަށް ދިފާއުވެވުނު ކަމުގައި ވިޔަސް، އާންމު ގިނަ ރައްޔިތުންނަކީ މިފަދަ އޭއައި ޑީޕްފޭކްތަކުން ދިފާއުވުމުގެ ގާބިލުކަން ހުންނަ ބައެއް ނޫން ކަމަށާއި، މިއީ މުޖުތަމައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
އޭއައި ވަސީލަތްތައް ކުރިއަރަމުންދާ ވަރަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިޔާސީ ވެރިންނާއި ފަންނާނުންގެ އަޑާއި ސޫރަ ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގާނޫނީ އައު މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދެއެވެ.






