އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ފެށުމުގެ ކުރިން، އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ވަފުދުން އާންމު މަޖިލީހުގެ ޖަލްސާ ދޫކޮށް ނިކުމެއްޖެއެވެ. މި ޖަލްސާގައި ރާއްޖެ ހިމެނޭހެން ގިނަ ޤައުމުތަކަކުން ވަނީ މާލަން ދޫކޮށް ނުކުމެފައެވެ. މިއީ މިގޮތަށް އިހްތިޖާޖުކޮށް ދިވެހިރާއްޖެއިން އދ. ގެ މާލަން ދޫކޮށް ނުކުތް ތިންވަނަ އަހަރެވެ. މިއަހަރުގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް އެވެ.
އާންމު މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ މާލަން ދޫކޮށް ދިވެހި ވަފުދުން ނިކުތް ނިކުތުމަށް އިޝާރާތްކުރައްވައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ހުރިހާ ޤައުމަކަށްވެސް އެއް ހަމައަކުން ތަބާވާންޖެހޭ ކަމަށާއި، އެއްވެސް ޤައުމަކީ އެ ޤާނޫނުތަކުގެ މަތީގައި އޮތް ޤައުމެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން އެފަދަ މާހައުލެއްގައި ބައިވެރިނުވާނެ ކަމަށާއި މިފަދަ ޢަމަލުތައް އާންމުވުމުގެ ފުރުސަތުވެސް ނުދޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވަޒީރު އިރުތިޝާމް ވަނީ ދިވެހިރާއްޖެ އަބަދުވެސް އޮތީ ފަލަސްޠީނާއެކުކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައަޅައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ދިވެހިރާއްޖެއިން ކުރާ ގޮވާލުން ވަޒީރު ވަނީ ތަކުރާރު ކުރައްވާފައެވެ.
އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލްޢާމާއި ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަނެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ހިންގާ ޖަރީމާތައް ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި ހަރުއަޑުން ކުށްވެރިކުރަމުންނެވެ. އަދި ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރާއްޖެއިން ދަނީ ގޮވާލަމުންނެވެ.
ފަލަސްޠީނު މައްސަލައިގައި މި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި ވަރުގަދަ ސްޓޭންޑެއް ނަގާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ އިސްރާއީލު ފިޔަވައި ހުރިހާ ޤައުމަކާއެކުވެސް ދިވެހިން އިސްކުރުމުގެ ތެރެއިން ގުޅުން ބޭއްވުން ކަމަށް ވިދާޅުވެފައެވެ. މިގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެހެން ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.





