މޫސުން ގޯސްވާނެތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

މޫސުން ގޯސްވާނެތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ވައިބާރުވެ، ކަނޑުތައް ގަދަވެ، އަދި ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރު ނުފެށުމަށެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، އަދި ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ވަސީލަތްތައް ހުރީ ރަނގަޅު ހާލަތުގައިތޯ ޗެކްކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި، މުދާތައް ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުގެ ބައިވެރިން ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުމަށާއި އިތުރަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

ކަނޑު ދަތުރުފަތުރުގެ އިތުރުން، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އެގޮތުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *