އަންނަ ބުދަ ދުވަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އިރާނުގެ ހުރިހާ ކޮމާޝަލް އެއާލައިނެއްގެ އޮޕަރޭޝަންތައް މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެއެވެ.
މިއަދު ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ބެސެންޓް ވަނީ އިރާނުގެ މަތިންދާބޯޓު ތަކަށް ހިދުމަތްދޭ ބައިނަލްއަގުވާމީ އެއްވެސް އެއާޕޯޓަކަށް ނުވަތަ ހަބަކަށް އެމެރިކާގެ ބޭންކިން ނިޒާމުން މުޅިން ބޭރުކޮށްލުމުގެ ފިޔަވަޅާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އެމެރިކާގެ ޑޮލަރު މާރުކުރުމާއި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އޮތުމުން، ބޭރުގެ އެއްވެސް އޮޕަރޭޓަރަކަށް އިރާނުގެ މަތިންދާ ބޯޓު ތަކަށް ތެޔޮ އެޅުމާއި، ލޭންޑިން ހިދުމަތް ދިނުން ނުވަތަ ޕެސެންޖަރުންގެ ޓިކެޓު ވިއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސެޕްޓެމްބަރު 23 ވަނަ ދުވަހު، މުޅި ދުނިޔޭގައިވާ އިރާނުގެ ހުރިހާ އެއާލައިންތަކެއް ހުއްޓުމަކަށް އަންނާނެ،" ތެހެރާންގެ ސިވިލް އޭވިއޭޝަން ނެޓްވޯކް އެކަހެރިކުރުމަށް އެމެރިކާއިން އަޅަމުންދާ ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަފްސީލު ދެއްވަމުން ބެސެންޓް ވިދާޅުވިއެވެ.
މީގެ އިތުރުން، އިރާނަށް އެހީތެރިވާ ކަމަށް ބުނެ އެމެރިކާގެ ޓްރެޝަރީން ވަނީ ތިން ބޭންކަކަށް ފިޔަވަޅު އަޅާފައެވެ. އޭގެ ތެރޭގައި މިޞްރުގެ ދެވަނައަށް އެންމެ ބޮޑު ބޭންކް ކަމަށްވާ "ބޭންކް މިޞްރު" ގެ ދުބައި ބްރާންޗާއި، ތުރުކީގެ "ގޯލްޑަން ގްލޯބަލް ޔާތިރިމް ބޭންކާސީ" އަދި ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ބޭންކު ކަމަށްވާ "ވީޓީބީ ބޭންކް" ހިމެނެއެވެ.
ބެސެންޓް އިތުރަށް ވިދާޅުވީ، އިރާނަށް އެހީތެރިވާ ބޭރުގެ ފަރާތްތަކަށް އެމެރިކާއިން ފާރަވެރިވަމުންދާ ކަމަށެވެ. އަދި އިރާނާއެކު ވިޔަފާރި މުއާމަލާތްތައް ކުރިއަށްގެންދިއުމަކީ ކުންފުނިތަކުގެ ވުޖޫދު ގެއްލިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިވާ ފަރާތްތައް އުޅޭތަން އަހަރެމެންނަށް ފެނޭ. އެއީ ކޮންބައެއްކަން އަހަރެމެންނަށް އެނގޭ. އަދި އެމީހުންނަށްވެސް އެނގޭނެ. އަހަރެމެން މިދަނީ އެކަން ހުއްޓުވަމުން،" އޭނާ ވިދާޅުވިއެވެ.
ޗައިނާއާ މެދު ވާހަކަދައްކަވަމުން ބެސެންޓް ވިދާޅުވީ، ސިއްރުން މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، ޗައިނާގެ މަރުކަޒީ ބޭންކު ގެ ގަވަރުނަރު ޕޭން ހިމެނިވަޑައިގަންނަވާހެން މާލީ އިދާރާތަކުން އެކަމުގައި ބައިވެރިވަމުންދާ ކަމަށެވެ.
މި ފިޔަވަޅަކީ އެމެރިކާގެ ޓްރެޝަރީގެ "އޮޕަރޭޝަން އިކޮނޮމިކް ފިއުރީ" ގެ ދަށުން އިރާނަށް ދެމުންދާ އިގްތިސާދީ ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މިކަމާ ގުޅިގެން އިރާނުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.






