އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މާދަމާ ކ. ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ރަށުގެ ރައްޔިތުންނާއި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޝާހިދު ދަތުރުކުރައްވާ ލޯންޗު މާދަމާ ހަވީރު 4:30 ހާއިރު ގުރައިދޫއަށް ފޯރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ރަސްމީކޮށް އެ ރަށުން ޝާހިދަށް މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާ ހަވީރު 4:45 ގައި އެ ރަށުގެ ޖެޓީ ސަރަޙައްދުގައެވެ.
މި ދަތުރުފުޅުގެ ތެރެއިން މާދަމާ ހަވީރު 5:15 ގައި "އިބްރާހިމް ހަޓް" ގައި ޚާއްޞަ ހަވީރު ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ގުރައިދޫގައި ތިއްބެވި އެމްޑީޕީގެ ކެމްޕޭން ޓީމުތަކާއި ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި، ކެމްޕޭނާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.
މާދަމާ ހަވީރު ކުރައްވާ މި ދަތުރުފުޅަށްފަހު، ކެމްޕޭންގެ ހަރަކާތްތައް ނިންމަވާލެއްވުމަށްފަހު ޝާހިދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގައެވެ.






