އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ޝާހިދު މީސްމީޑިއާގެ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއަށާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުމަށް ބޮޑުވަޒީރު މޯދީ ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ވަރަށް ގާތުން ތަޖުރިބާކުރެއްވުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ.
މީގެއިތުރުން، ބޮޑުވަޒީރު މޯދީއަށް ދުޅަހެޔޮ ޞިއްޙަތަކާއި، އުފާވެރިކަމުގެ އިތުރުން މަސައްކަތްޕުޅުގައި ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޝާހިދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.





