ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓު އޮފީސް) ލަފާ ކޮށްފިއެވެ.
ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ފަތިހު 05:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މި ދުވަސްވަރު ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް މާދަމާއިން ފެށިގެން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެއެވެ. ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.






