ރާއްޖޭގައި ގަވާއިދާ ހިލާފަށް ޑޮލަރުގެ ވަގު ވިޔަފާރިކުރާ 27 މީހަކާއި 22 ތަނެއްގެ މައްސަލަ ބަލަައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ގިނަ އަދަދަކަށް މެސެޖު ލިބިފައިވާ ކަމަށެވެ. ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނީ އެ ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މެސުޖުތަކުގެ ތެރޭގައި ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާ ކަމަށެވެ.
މީގެތެރޭގައި ހިމެނެނީ ބިދޭސީ 27 މީހެއްގެ މައުލޫމާތާއި، ހުއްދަނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 18 ތަނަކާއި، ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ހަތަރު ތަނެއްގެ އިތުރުން މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ކަމަށެވެ.
މި މައުލޫމާތުތަކާ ގުޅިގެން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ވެސް ބުންޏެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެ ނިޒާމުގެ ތެރެއިން ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަން މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެވޭނެއެވެ.
ފުލުހުން ބުނީ އެފަދަ މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމަށާއި މައުލޫމާތުތައް ދޭފަރާތްތަކުން މައްސަލައިގެ ތަހްގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާކަށް ނުޖެހޭނެކަމަށެވެ.






