ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު މަސް ގަންނަ އަގު ކިލޯއަކަށް 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މި ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް ހެޔޮބަދަލެއް އަންނަމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. ނަމަވެސް މިއަދު ގެނައި މި ބަދަލާއެކު، މަސް ކިލޯއެއްގެ އަގަށް މިވަނީ އިތުރު 1.00 ރުފިޔާ އިތުރުވެފައެވެ. މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރަކަށް ވުމުން، މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މަސް ގަންނަ އަގަށް ގެނައި މި ބަދަލާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ، މަސް ގަންނަ އަގު މައިގަނޑުގޮތެއްގައި ބިނާވަނީ ޑިމާންޑު އަދި ސަޕްލައިއަށް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ރިޢާޔަތްކޮށްގެން، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންނަށް އެންމެ މަތީ އަގު ހޯދައިދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަގަށް ގެނައި މި ބަދަލާއެކު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ ޖެޓީ)، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ ޖެޓީ)، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ ޖެޓީ) ގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުން މިއަދު މަސް ގަންނަމުންދާނީ ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާގެ ރޭޓުންނެވެ.
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަހުން އުފައްދާ އަގުއެއްކުރި ބާވަތްތައް އިތުރުކުރުމާއި، ކޮލިޓީ ހިފަހައްޓައިގެން މަސް ބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް، ދުނިޔޭގެ ބާޒާރުގައި މަސްވެރިކަން ދަށް ދުވަސްވަރުވެސް ދިވެހި މަހުގެ ބާވަތްތައް ބޭރަށް ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.





