އިސްކަން ދެނީ ވަޢުދުތައް ފުއްދަން، ސިޔާސީ ބަހުސަކަށް ނޫން: ރައީސް

އިސްކަން ދެނީ ވަޢުދުތައް ފުއްދަން، ސިޔާސީ ބަހުސަކަށް ނޫން: ރައީސް

ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ބަދަލުގައި، އިސްކަން ދެއްވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދޭނެ ގޮތްތައް ހޯދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ވާދަކޮށް، އެމަނިކުފާނު ބަލިކުރާނެ ކަމަށް ބައެއް ވާދަވެރި ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމާ ގުޅޭގޮތުން ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުން ބަހައްޓަވަނީ ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ވިސްނެވުމުގެ ބަދަލުގައި އެ މަނިކުފާނު ވިސްނަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދޭނެ ގޮތްތައް ހޯދުމަށް ކަމަށާއި، އަދި އެ މަސައްކަތް ކާމިޔާބުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އެކަމާ ނުވެސް ވިސްނަން. އަޅުގަނޑު ވިސްނަނީ އަޅުގަނޑުވީ ވަޢުދުތައް ފުއްދަން. އަޅުގަނޑާއި އެކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކު ދާނީ ކުރިއަށް. މިނިސްޓަރުން، އެމްޕީސް، އާއްމުރައްޔިތުން، ހުރިހާ ފަރާތްތައް. އަޅުގަނޑާއެކީގަ މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކީގައި އަޅުގަނޑު މި ބަލަނީ، އަޅުގަނޑުވީ ވައުދުތައް ފުއްދުމުގައި ކާމިޔާބީ ޙާސިލްކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމާއި ޚާރިޖީ ދާއިރާއާއި އިޖްތިމާއީ ތަރައްޤީއާއި ވިޔަފާރިއާއި ޒުވާނުން ބިނާކުރުމާއި ސިއްޚީ ދާއިރާއިން ވެވަޑައިގަންނަވާފައިވާ ވަޢުދުތައް، އެ ވަޢުދާ އެއްގޮތަށް ފުއްދުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

ރައީސްގެ މުހިންމު ވަޢުދުފުޅުތަކުގެ ތެރޭގައި، އުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރިއެރުންތައް ހޯދައިދެއްވައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދައިދެއްވުން ހިމެނެއެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ ހަކަތަ އިތުރުކޮށް ވަސީލަތުގެ ގޮތުން ތަނަވަސްތަނަކަށް ހެއްދެވުމާއި، ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ޚާއްސަ އިސްކަމެއް އެމަނިކުފާނު ދެއްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *