ރާއްޖޭގައި މި ވަގުތުވެސް އެންމެ ގިނަ މެމްބަރުން ހިމެނޭ ކޮންގްރެސް ޕާޓީއަށް 70,000 މެމްބަރުން ހަމަވެއްޖެއެވެ.
މިކަން ހާމަކުރައްވައި ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް މުހައްމަދު ހުސައިން ޝަރީފް އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ކޮންގްރެސް ޕާޓީއަށް ކުރާ އިތުބާރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާދިއްތަ ދުވަހާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންގެ އަދަދު 70,000 ފަހަނައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
"ފަސްދޮޅަށް ހަތްހާހެއްނޫން މިހާރު ޕާޓީގައި ތިބީ، އާދިއްތަ ދުވަހު ކޮންގްރެސް ޕާޓީއަށް 70,000 ހަމަވެއްޖެ، އަދި އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓަށް ނާރަނީ، ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވަން، މި ޕާޓީގައި 70,000 މެމްބަރުން ހަމަވެއްޖެ،" މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.
މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި އޮންނަ ކޮންގްރެސްގައި 1,300 އެއްހާ މެމްބަރުން ބައިވެރިވާނެ ކަމަށެވެ. އެއީ ރާއްޖޭގައި މީގެކުރިން ބޭއްވި އެއްވެސް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާ އަދަދެއް ކަމަށް ވިދާޅުވިއެވެ. އަދި މި ކޮންގްރެސް ހަތަރު ދުވަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް މީގެ ކުރިން މާލެއާއި އަތޮޅުތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށް މެމްބަރުން ބެހިފައިވާގޮތަށް ބަލާއިރު، މިހާރު އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ކޮންގްރެސް ޕާޓީގައި 67,579 މެމްބަރުން އެބަތިއްބެވެ. އެމްޑީޕީގައި 55,399 މެންބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި ތިބީ 10,401 މެމްބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ.






