ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ނެތި އެ މަސައްކަތް ކުރަމުންދިޔަ ހަތް ތަނަކުން ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން ހާމަވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގައި ރަސްމީކޮށް ލައިސަންސް ނަގައިގެން މަނީ އެކްސްޗޭންޖް ހިދުމަތް ދެނީ 63 ތަނަކުން ކަމަށެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ހުއްދަ ނެތި ބޭރު ފައިސާ މާރުކުރުމަކީ ރާއްޖޭގެ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ޖިނާއީ ކުށެއް ކަމަށެވެ. އަދި މިފަދަ ގޮތްގޮތަށް ފައިސާ ހޯދައި އަމިއްލަ އަދި ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، މިފަދަ ކަންކަމުގައި އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ހުއްދަ ނެތް ފަރާތްތަކަށް ޑޮލަރު ލިބޭ ގޮތްތައް ބެލިބެލުމުން، އެންމެ ބޮޑަށް ފާހަގަކުރެވުނީ ރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތަކުން މި ވިޔަފާރިއަށް ފައިސާ ފޯރުކޮށްދޭ ކަމެވެ. މިގޮތުން ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓުތައް ވެސް މީގެ ތެރޭގައި ހިމެނޭއިރު، ވަކި ރިސޯޓު ޗެއިނަކުން އެކަނިވެސް ނުވަ މަސް ދުވަހުގެ ތެރޭގައި ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ބައެއް ރިސޯޓުތަކުން ކަޅު ބާޒާރަށް ނެރޭ ޑޮލަރުގެ އަދަދަކީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވާއިދުގެ ދަށުން ބޭންކުތަކަށް މާރުކުރަން ޖެހޭ 20 ޕަސެންޓަށް ވުރެ ވެސް އިތުރު އަދަދުތަކެކެވެ. އަދި ރިސޯޓުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތްދޭ އެހެނިހެން ފަރާތްތަކާއި، ޑޮލަރުން އާމްދަނީ ނުވަތަ މުސާރަ ލިބޭ ވަކިވަކި މީހުން ވެސް ކަޅު ބާޒާރުގައި ޑޮލަރު މާރުކުރަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ.






