ޗައިނާގެ އެންމެ މަގުބޫލު ވީޑިއޯ ޕްލެޓްފޯމު ކަމަށްވާ "ބިލިބިލީ" (Bilibili) އިން އެ ކުންފުނީގެ ޚިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ.
އާންމުކޮށް "ޗައިނާގެ ޔޫޓިއުބް" ގޮތުގައި ސިފަކުރާ މި ޕްލެޓްފޯމުން މިހާރު ވަނީ އެ ކުންފުނީގެ އިންޓަނޭޝަނަލް އެޕް މުޅި ދުނިޔެއަށް އާންމުކޮށް ހުޅުވާލަން ފަށާފައެވެ.
މި އެޕްލިކޭޝަންގެ މައިގަނޑު ބޭނުމަކީ ޔޫޒަރުން އަމިއްލައަށް އުފައްދާ ވީޑިއޯތަކާއި، އެނިމޭ ، ގޭމިން، ލައިވްސްޓްރީމް އަދި ތަފާތު ފޭން ކޮމިއުނިޓީތައް އެއް ފުރާޅެއްގެ ދަށުން މުޅި ދުނިޔޭގެ އޯޑިއަންސަކަށް ފޯރުކޮށްދިނުމެވެ. މިހާރު އެންޑްރޮއިޑް ފޯނުތަކަށް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އައިފޯނުތަކަށް ޚާއްސަ އެޕްލިކޭޝަން ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.
އޭޝިއާގެ ގައުމުތަކުގައި ބިލިބިލީއަކީ އެނިމޭއާއި ގޭމިންއަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ކުރީއްސުރެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްލެޓްފޯމް އެކެވެ. ނަމަވެސް، މި އާ އިންޓަނޭޝަނަލް ފިޔަވަޅާއެކު، ބިލިބިލީ ވެގެންދާނީ ޔޫޓިއުބް ފަދަ ދުނިޔޭގެ ބޮޑެތި ވީޑިއޯ ޕްލެޓްފޯމްތަކާ ސީދާ ވާދަކުރާނެ ބޮޑު ކުންފުންޏަކަށެވެ.






