އެމްއެސް ފައިނޭންސްގެ މަނީ ޗޭންޖިންގ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފި

އެމްއެސް ފައިނޭންސްގެ މަނީ ޗޭންޖިންގ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފި

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދީފައިވާ ލައިސަންސް އެމްއެމްއޭއިން ހިފަހައްޓައިފިއެވެ.

އެމްއެސް ފައިނޭންސާ މެދު މި ސުޕަވައިޒަރީ ފިޔަވަޅު އަޅާފައިވަނީ މިއަދުއެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތަކުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން އިލްތިމާސްކޮށް، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށްވެސް ތަންފީޒީ އިދާރާތަކާއެކު ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ބުނެފިއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީގައި ޑޮލަރު ވިއްކުމަކީ ކުށެކެވެ. އެފަދަ ކުށަކަށް 25,000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

އެ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ވިއްކުމުގެ އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުމުގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތަކުން އެކަމުގެ މައުލޫމާތު ފެތުރުމާއި ތަކުރާރުކުރުމުވެސް ހިމެނެއެވެ. އެކަމަށް 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މިކަމުގައި ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ، އެފަރާތް 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *