"46 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
"ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތަކީ ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތްތެވެ.
އެންމެފަހުން ބާއްވާފައިވަނީ މީގެ 46 ވަނަ މުބާރާތެވެ. މިއަހަރު މުބާރާތުގައި 133 ޤައުމަކުން ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިފަހަރަކީ ތާރީޚުގައި އަންހެން ކުދިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުއެވެ. މީގެކުރީން އަންހެން ކުދިންގެ ގޮތްޕެއް މިމުބާރާތުގައި ނޯވެއެވެ.
މި މުބާރާތުގައި 4 ކުއްޖަކު ވަނީ ދިވެހިރާއްޖެ ތަމްސީލުކޮށްފައެވެ. އޭގެ ތެރެއިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ވަނީ މުބާރާތުން 4 ވަނަ ހާސިލްކޮށްފައެވެ. މިމުބާރާތުގެ 4ވަނައިގެ އިނާމަކަށް ކަނޑައަޅާފައިވަނީ 170000 ރިޔާލެވެ.
މިމުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. ހަފްލާއަށްފަހު ސަޢުދީ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.






