މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައި އާއްމު ކުރާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކައި އިޝްތިހާރު ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެެވެ.
މިއީ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރުމަށް "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ގާނޫނުން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިމަހުގެ 12 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅި ބިލެކެވެ
ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ބިލު ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
ނަަމަވެސް ބިލަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭތީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލް އިތުރަށް ދިރާސާ ކުރުމަށް އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިލިއެވެ.
އެކަމާ ގުޅިގެން އެބިލު ދިރާާސާ ކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބިލަށް ވަނީ މާއްދާތަކެއް އިތުރުކޮށްފައެވެ.
އެގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގައި އަމަލު ކުރާނެ ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ. އަދި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅައި އާއްމު ކޮށްފައިވާ ރޭޓް، ނުވަތަ ބޭންކް ތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތީން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަންވެސް ބިލަށް ވަނީ އާ މާއްދާއެއް އިތުރު ކޮށްފައެވެ.
އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
މީގެއިތުރުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެ ވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާ އާއްމުކޮށްފައިވާ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑްގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ.
ރަސްމީ ރޭޓް، ނުވަތަ ބޭންކަށްވުރެ މަތީ ރޭޓެއްގައި ނުވަތަ، ބޭންކްގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް، ނުވަތަ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކުން އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން، ނުވަތަ ޕްލެޓްފޯމަކުން ނުވަތަ، އެނޫންވެސް ގޮތަކުން އާއްމުކޮށް އެނގޭނެހެން އެ މައުލޫމާތު ހާމަ ކުރުމާއި ޝާއިއު ކުރުމާއި ފެތުރުމާއި ތަކުރާރު ކުރުމާއި ފޯރުކޮށްދިނުންވެސް ވަނީ މަނާކޮށްފައެވެ.
އެކުށުގެ އަދަބަކީ 25،000 ރުފިޔާ އައި 500000 ރުފިޔާއާދެމެދުގެ އަދަދަކުން ޖޫރިނަމާ ކުރުން ކަމަށްވެސް ވަނީ ހިމަނައިފައެވެ.
މި ގާނޫނުގައި މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަންކަމަށް އަޅާ އިދާރީ ފިޔަވަޅުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ. ކުށް ކޮށްފައިވަނީ ގާނޫނީ ޝަހުސެއް، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ނަމަ އެފަރާތެއް 100000 ރުފިޔާ އާއި ފަސް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަންވެސް ވަނީ ހިމަނައިފައެވެ.






