ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށް މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށް މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 6-4 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މިއާ އެކު، ނިއު އާއި މާޒިޔާ އިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ފުރިހަމަ ވަގުތު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާ އިން ވަނީ ކައުންޓަ އެޓޭކެއްގައި ލީޑު ނަގާފަ އެވެ. މި ލަނޑަކީ އަހުމަދު އައިހަމް (ފަތޯ) އާއި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި މުހައްމަދު އިލާން އިމްރާން ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް، މެޗުގެ 16 ވަނަ މިނިޓްގައި އަބްދުﷲ ބިލިޓީ ތަނަވަސްކުރި ފުރުސަތަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ނިއު އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މާޒިޔާ އިން ދެ ވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 28 ވަނަ މިނިޓްގައި ލޫތު ދިން ބޯޅައަކުން އައިހަމް ޖެހި ލަނޑުންނެވެ. އެކަމަކު، އޭގެ ހަތް މިނިޓް ފަހުން ގޯމޭސް ޑަ ސިލްވާ ދިން ބޯޅައަކުން ސެންޓޭ ވަނީ ދެ ވަނަ ފަހަރަށް ނިއު އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނި މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ނިއުގެ ޑޮރިއެލްޓަން ގޯމޭސް އާއި މޫސާ ޔާމީން ފޮނުވާލި ޕެނަލްޓީ ވަނީ ބޭރަށް ގޮސްފަ އެވެ. މާޒިޔާ މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ކުކޫ އެވެ. މިއީ މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

18 އަހަރަށް ފަހު އަލުން ބޭއްވި މި މުބާރާތުގެ ތަށި މީގެ ކުރިން އުފުލާލާފައިވަނީ ކްލަބް ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *