ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކަށް ސަޢޫދީގެ އެހީތެރިކަން ހޯދަނީ

ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކަށް ސަޢޫދީގެ އެހީތެރިކަން ހޯދަނީ

ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ބޭއްވުމާ ގުޅޭގޮތުން ސައުދި އަރަބިއްޔާއާއި ދިވެހިރާއްޖެ ދެމެދު މަޝްވަރާކޮށްފިއެވެ.

މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ސައުދި އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ޒިޔާރަތުގެ ތެރެއިން އެޤައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ސައުދި އަރަބިއްޔާއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވާ ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން އަބްދުލްޢަޒީޒް އާލްޝައިޚްގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގެ ތެރެއިން ސައުދި އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޢަބްދުލްލަޠީފްއާއި ބައްދަލުކުރައްވާ ވަޒީރު ޝަހީމް ވަނީ ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް ކުރާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގައި ބައިނަލްއަޤްވާމީ ސަރަޙައްދީ ޤުރުޢާން މުބާރާތެއް ބޭއްވުމަށް އެދިލައްވާފައިވާ ކަމަށެވެ. އަދި މިއީ ކޮންމެ އަހަރަކު ކުރިއަށް ގެންދެވޭ މުބާރާތަކަށް ހެދުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ ސައުދި އަރަބިއްޔާއިން ރާއްޖެއާއި މެދު ބާއްވާ ގާތްގުޅުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ދެ ޚަރަމުގެ ޚާދިމް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުޢަޒީޒް އާލް ސަޢުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަބްދުލްޢަޒީޒް އާލްސަޢުދު ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި ދެ ޤައުމުގެ އަޙުވަންތަ ގުޅުން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތް ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސައުދި އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ދެއްވި ދަޢުވަތަށާއި ދެންނެވި ހޫނު މަރުހަބާއަށް ވަޒީރު ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ އިސްލާމީ ވުޒާރާގެ ގުޅުން ބަދަހިކޮށް އިސްލާމް ދީން ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގައި ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ވަޒީރު ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.

މިދަތުރުފުޅާއި ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓު ވަޒީރު ޑރ. ޝަހީމް ނިންމަވާލެއްވި ދެ ޤައުމަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުމަށް އެދެމުންނެވެ. އެގޮތުން ސައުދި އަރަބިއްޔާގެ މިހާރު ރަސްގެފާނު އަދި ވަލީޢަހުދުގެ ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ޑރ. ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *