ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ބަޔޯސްފިއާ ސަރަހައްދު، ހަނިފަރު ބޭއަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ފީނުއްވައި ހާލަތު ބައްލަވައިފިއެވެ.
މިނިސްޓަރު ހަނިފަރު ބޭއަށް ފީނެއްވީ ބ، އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންއެވެ.
އެގޮތުން ހަނިފަރު ބޭއަށް ވަޑައިގެން މިނިސްޓަރު ވަނީ އެ ސަރަހައްދުގައި މަސައްކަތް ކުރައްވާ ރޭންޖަރުންނާއި ބައްދަލުކުރައްވައި އެ ސަރަހައްދު ހިމާޔަތްކުރުމަށް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވައިފައެވެ.
ހަނިފަރު ބޭ ސަރަހައްދަކީ ވޭލް ޝާކާއި އަދި މަންތާ ރޭޒް ގިނަ އަދަދަކަށް ފެންނަ ސަރަހައްދަކަށްވާ އިރު މިއީ ފަތުރުވެރިންގެ މެދުގައި ވެސް ވަަރަށް މަގުބޫލު ސަރަހައްދެކެވެ.
ހަނިފަރު ބޭ ސަރަހައްދު މިހާރު ބަލަހައްޓަމުން ދަނީ ބ. އޭދަފުށީގައި ހުންނަ ޔުނެސްކޯ ބާ އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ނެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން، ހިންގަމުންދާ އެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުން އަދި ތައުލީމާއި ދިރާސާކުރުން ހިމެނޭހެން ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމެވެ.






