ބޭންކިންގެ އިސް މަޤާމުތަކުގައި ދިވެހިން %80އަށް އިތުރުކުރުމަކީ އަމާޒެއް: ގަވަރުނަރު

ބޭންކިންގެ އިސް މަޤާމުތަކުގައި ދިވެހިން %80އަށް އިތުރުކުރުމަކީ އަމާޒެއް: ގަވަރުނަރު

ބޭންކިން ދާއިރާގެ އިސްމަގާމުތަކުގެ ދިވެހިންގެ ނިސްބަތް 80 އިއްސަންތަ އަށް އިތުރުކުރުމަކީ އަމާޒެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިފަދައިން ވިދާޅުވީ ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، ދިވެހި އިޤްތިޞާދަށް އެ ދާއިރާއިން ކުރާ ހިއްސާ އިތުރުކުރުންކަމަށެވެ. އެގޮތުން ލަނޑުދަނޑިއަކީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަށް މާލީ ދާއިރާގެ ހިއްސާ ދެގުނައަށް އިތުރުކުރުންކަމަށް ވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކިންގ ދާއިރާއަކީ ފައިދާ ބޮޑު ދާއިރާއެއްކަމަށެވެ.

އެގޮތުން 2025 ވަނަ އަހަރު ބޭންކުތަކަށް ޓެކުހުގެ ކުރިން ލިބުނު ފައިދާ ވަނީ 5.15 ބިލިޔަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް 356 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށެވެ. އަދި ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ބޭންކުތަކުން ގާތްގަނޑަކަށް 737.38 މިލިޔަން ރުފިޔާ ދައްކާފައިވާއިރު، މިއީ އެ އަހަރު ލިބުނު ޖުމްލަ އިންކަމް ޓެކުހުގެ %14ކަމަށް ވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ ބޭންކިންގ ދާއިރާއިން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އުޅެނީ 13 ބިލިޔަން ރުފިޔާ ނުވަތަ 800 މިލިޔަން ޑޮލަރުގައި ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު ކަމަށް ބަލައިފިނަމަ، ރާއްޖޭގެ ބޭންކިންގ ދާއިރާގެ ހިއްސާއަކީ އެންމެ %16ކަމަށް ގަވަރނަރ މުނައްވަރު ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރު އެކަނިވެސް ބޭންކިންގ ދާއިރާގެ ފައިދާގެ ގާތްގަނޑަކަށް %11 ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި ފާއިތުވި 5 އަހަރު ތެރޭގައި މި އަދަދު ވަނީ 200 މިލިއަން ޑޮލަރާ ގާތްކޮށްފައިކަމަށް މުނައްވަރު ވިދާޅުވިއެވެ. ރާއްޖޭގައި ވަރުގަދަ، ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގާ ދިވެހި ބޭންކުތައް ގިނަކުރަން ބޭނުންވާ މުހިންމު ސަބަބަކީ މިއީކަމަށް މުނައްވަރު ވިދާޅުވިއެވެ. އެގޮތުން މިކަމަށް މަގުފަހިކުރުމަށްޓަކައި ބޭންކިންގ ގާނޫނަށް އިސްލާހު ގެނައުމާއި އިސްލާމީ މާލީ ނިޒާމުގެ އާ ގާނޫނެއް ތައާރަފުކުރުން ފަދަ ގާނޫނީ ބަދަލުތައް އެމްއެމްއޭއިން ދަނީ ގެންނަމުންކަމަށް ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މި ދާއިރާއިން ލިބޭ މަންފާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓުމަށާއި، އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، ދިވެހި އިންވެސްޓަރުން މި ދާއިރާއަށް ނުކުތްނަން ޖެހޭކަމަށެވެ. އެގޮތުން މޯލްޑިވްސް ޕްރީމިއާ ބޭންކަކީ މި އަމާޒަށް ވާޞިލުވުމަށް އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށާއި ބޭނުންވަނީ ބައިނަލްއަޤްވާމީ ބޭންކުތަކާއެކު ދިވެހި ބޭންކުތައް ވެސް ކުރިއަރައި، ވާދަވެރި އަދި ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުންކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

ބޭންކިންގ ދާއިރާގެ މެނޭޖްމަންޓް މަޤާމުތަކަށް ބަލާއިރު ގާތްގަނޑަކަށް %40 އަކީ ބޭރު މީހުންކަމަށް މުނައްވަރު ވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް 5 އަހަރު ތެރޭގައި މި އަދަދު %20 އަށް ވުރެ ދަށްކޮށް، މެނޭޖްމަންޓް މަޤާމުތަކުގެ %80 އަށް ވުރެ ގިނަ ހިއްސާއަކީ ދިވެހިން ކަމުގައި ހެދުންކަމަށެވެ. މިކަން ހާސިލުކުރުމަށްޓަކައި، ދިވެހި ޒުވާނުންނަށް މާލީ ދާއިރާއިން ކުރިއަށް ގޮސް އިސް މަޤާމުތަކާ ހަވާލުވެވޭނެ ފަދަ މާޙައުލެއް ބިނާކުރަންޖެހޭކަމަށް މުނައްވަރު ވިދާޅުވިއެވެ.

"މިކަމަށްޓަކައި ފަންނީ ގޮތުންނާއި އިލްމީ ގޮތުން މީހުން ބިނާކުރުމަށް އިންވެސްޓްކުރަން ޖެހެ.މި މަޤްޞަދުގައި، މާލީ ދާއިރާގެ ފަންނީ ތަރައްޤީއަށްޓަކައި އެމް.އެމް.އޭއިން ދާދިފަހުން ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި. މީގެ އިތުރުން އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް އުފެއްދުމަށް އަޅުގަނޑުމެން ގަސްދުކުރަން. މި ފަންޑަކީ އެމް.އެމް.އޭ އާއި ބޭންކިންގ ދާއިރާ ގުޅިގެން މުސްތަޤްބަލުގައި ބޭނުންވާނެ ފަންނީ ހުނަރުތައް ތަރައްޤީކުރުމަށް ހިންގޭނެ ފަންޑެއް" ގަވަރުނަރ މުނައްވަރު ވިދާޅުވިއެވެ.

ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން މާލީ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އާޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ބޭންކިންގ ފަދަ ވަސީލަތްތަކުގެ ސަބަބުން ބޭންކުތަކުން ޚިދުމަތް ދޭ ގޮތްތައް ވަނީ ބަދަލުވެފައިކަމަށެވެ. ސަރުކާރުގެ "މޯލްޑިވްސް 2.0″ އާ އެއްގޮތަށް ޑިޖިޓަލް ބަދަލުތަކަކީ މައިގަނޑު އެއް އަސާސްކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މާލީ ނިޒާމާ އޮންނަ ގުޅުން ވަރުގަދަކޮށް ދިވެހި ފަރުދުންނާއި ވިޔަފާރިތައް ދުނިޔޭގެ އިޤްތިޞާދާ ގުޅުވައިދޭނެ، އަވަސް އަދި ފަސޭހަ ކްރޮސް-ބޯޑަރ ޕޭމަންޓް ނިޒާމުތަކެއް ބޭނުންވާކަމަށް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *