އިންޑިއާގެ މަހާރާޝްޓްރާ މާކެޓްތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުން އަންނަ "ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން" މާހާރާޝްޓްރާގެ ކޮމިޝަނަރު ތުކާރާމް މުންދޭ، އޭނާގެ ރައްޓެހިންނާއެކު ރެސްޓޯރަންޓަކަށް ކާންގޮސް އުޅެނިކޮށް ފޭކު "ޕަނީރް" އަތުލައިގަނެ، ގިނަ ބަޔަކު ހައިރާންކޮށްލައިފިއެވެ.
މުންދޭ ވިދާޅުވި ގޮތުގައި، ރައްޓެހިންނާއެކު ރެސްޓޯރަންޓަށް ވަދެ މޭޒުމައްޗަށް އޯޑަރުކުރި ކާނާ ގެނައުމުން، އޭގައި ހުރި ޕަނީރަށް ބަލައިލުމުން އެއީ އަސްލު ޕަނީރް ނޫންކަން އޭނާއަށް ވަގުތުން ފާހަގަކުރެވުނެވެ. އަދި އޭނާ ވަނީ ރައްޓެހިން ގާތު އެ ނުކެއުމަށް އެދި، އެ ރެސްޓޯރަންޓުން ކާބޯތަކެތީގެ އުސޫލުތަކާ ހިލާފުވެފައިވާ ކަންކަން ވަގުތުން ފާހަގަކުރައްވާފައެވެ. އެއަށްފަހު، އެ ރެސްޓޯރަންޓަށް 24 ގަޑިއިރުގެ މުއްދަތެއް ދެއްވައި، މައްސަލަތައް ރަނގަޅުކުރުމަށް އެންގެވިއެވެ. މުއްދަތު ހަމަވުމުން އެފްޑީއޭގެ އޮފިޝަލުން ފޮނުއްވައިގެން އެ ތަން އިންސްޕެކްޓް ކުރެއްވިއެވެ.
މި ހާދިސާއާއެކު ސޯޝަލް މީޑިއާގައި މީމްސް ހަދާ މީހުން އަންނަނީ މުންދޭއަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. އާންމުން ސަމާސާއަކަށް ހަދާފައި ބުނަމުންދަނީ މުންދޭގެ ދެލޮލުގައި ވަނީ ރެސްޓޯރަންޓްތަކުގެ މަކަރުވެރިކަން ވަގުތުން އަތުލައިގަންނަ "އިން-ބިލްޓް ކޮލިޓީ ސްކޭނަރެއް" ކަމަށެވެ.
މުންދޭ އުފަންވީ 3 ޖޫން 1975، ތަޑްސޯނާ އަވަށުގެ ބީޑް ޑިސްޓްރިކްޓް، މަހާރާޝްޓްރާ އަށެވެ.
އޭނާ ވާނީ ތާރީޚުގެ ދާއިރާއިން ބެޗްލާސް އަދި ޕޮލިޓިކަލް ސައިންސްއިން މާސްޓާސް ހައްދަވާފައިވެއެވެ. 2004 ވަނަ އަހަރު އިންޑިއާގެ ޔޫ.ޕީ.އެސް.ސީ ސިވިލް ސާވިސަސް އިމްތިހާނުން މުޅި އިންޑިއާއިން 20 ވަނަ ހޯއްދަވައި، 2005 ގައި އިންޑިއަން އެޑްމިނިސްޓްރޭޓިވް ސާވިސް އާ ގުޅިވަޑައިގަތެވެ.
އޭނާ ފާހަގަ ކުރެވެނީ ގާނޫނާއި ގަވާއިދަށް ފުރިހަމައަށް ތަބާވާ، ނުފޫޒުތަކަށް ބޯނުލަނބާ، އަދި ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދައަށް މަސައްކަތްކުރައްވާ ނަމޫނާ އޮފިޝަލެއްގެ ގޮތުގައެވެ.
ސޯލާޕޫރުގެ ޑިސްޓްރިކްޓް ކަލެކްޓަރަކަށް ހުންނެވި ދުވަސްވަރު (2014-2016)، އެ ސަރަހައްދަށް ކުރިމަތިވި ފެނުގެ ދަތިކަން ހައްލުކުރުމަށް "ޖަލްޔުކްތު ޝިވާރު" ޕްރޮގްރާމްގެ ދަށުން ކުރެއްވި ކާމިޔާބު މަސައްކަތްތަކުގެ ސަބަބުން އޭނާއަށް ވޯޓަރ މޭން އޮފް މަހާރާޝްޓްރާ ނަން ދެވުނެވެ.ނާވީ މުމްބާއީ މުނިސިޕަލް ކޮމިޝަނަރު ކަމުގައި ހުންނެވި ދުވަސްވަރު އާންމުންގެ ގާތަށް ނުކުމެ މައްސަލަތައް ބެލުމަށް "ވޯކް ވިތު ކޮމިޝަނަރު" ގެ ނަމުގައި ހަރަކާތްތަކެއް ހިންގެވިއެވެ. އަދި ގަވާއިދާ ހިލާފަށް ހަދާފައިވާ އިމާރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައި، 900 ކްރޯޑް ރުޕީސްގެ ޓެކްސް އޮޑިޓެއް ހިންގެވިއެވެ. މީގެ އިތުރުން ސޭލްސް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން، ޓެކްސް މަކަރު ހަދާ ފަރާތްތަކުގެ އަތުން 310 ކްރޯޑަށްވުރެ ގިނަ ރުޕީސް ހޯއްދެވިއެވެ.
މޭ 2026 ގައި ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ބަލަހައްޓާ އެފްޑީއޭގެ ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި 3,100 އަށްވުރެ ގިނަ ރެސްޓޯރަންޓާއި ކާބޯތަކެތި އުފައްދާ ތަންތަން އިންސްޕެކްޓް ކުރައްވައި، 165 ތަނެއްގެ ލައިސަންސް ސަސްޕެންޑްކުރެއްވިއެވެ.
މުންދޭގެ މި ވަރުގަދަ އަދި އުސޫލީ ހިދުމަތްތަކުގެ ސަބަބުން، ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ މަކަރުވެރި ވިޔަފާރިވެރިންނަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވާއިރު، އާންމު ރައްޔިތުންނަށް ވަނީ ސާފުތާހިރު އަދި ރައްކާތެރި ކާބޯތަކެތި ލިބޭނެކަމުގެ ބޮޑު ހަމަޖެހުމެއް ލިބިފައެވެ.






