އިންޑޮނޭޝިއާގެ ފްލޮރެސް އައިލެންޑް ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވިއެވެ. އަދި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަވޭ (ޔޫއެސްޖީއެސް) ން ބުނާގޮތުގައި، މި ބިންހެލުން ދިމާވެފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 3:58 (ރާއްޖެ ގަޑިން) ގައި، އީސްޓް ނޫސާ ޓެންގާރާ ޕްރޮވިންސްގެ އެންޑޭ ސިޓީއާ 68 ކިލޯމީޓަރު ދުރުގައި، ކަނޑުގެ 10 ކިލޯމީޓަރު އަޑީގައެވެ.
ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތައް ބިމާ ހަމަވެ، 2,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފައިވެއެވެ. ސުނާމީގެ އިންޒާރު ނެރެފައި އޮތް ނަމަވެސް، ފަހުން ވަނީ ނަގާލައިފައެވެ. މަގުތައް ބަންދުވުމުގެ ސަބަބުން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާއިރު، ފުރާނަ ގެއްލޭ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.






