މަޖިދީ މަގުގައި މުޒާހަރާ ނުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވިޔަސް ފުލުހުން ވަނީ މުޒާހަރާ ނުކުރެވެންވީ ސަބަބެެއް ނެތް ކަމަށް އަންގާފައި: އެމްޑީޕީ

މަޖިދީ މަގުގައި މުޒާހަރާ ނުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވިޔަސް ފުލުހުން ވަނީ މުޒާހަރާ ނުކުރެވެންވީ ސަބަބެެއް ނެތް ކަމަށް އަންގާފައި: އެމްޑީޕީ

މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ ފުލުހުންގެ ފަރާތުން ދީފައިވާ ކަށަވަރުކަމާ ހިލާފަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ދެއްކެވި ވާހަކައާއި ގުޅިގެން މިއަދު އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއީ ފުލުހުންގެ ބަހުގެ އިތުބާރު ގެއްލޭ ގޮތަށް މިނިސްޓަރު ދައްކަވާފައިވާ ވާހަކަފުޅެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައިވާ ގޮތުން، ރާއްޖޭގައި ތަކެތީގެ އަގުބޮޑުވެ، ރުފިޔާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ، އެކަމަށް ސަމާލުކަން ހޯދުމަށް މި މަހުގެ 13 ވަނަ ދުވަހު "ދަތިވެއްޖެ" ނަމުގައި މުޒާހަރާއެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ. މި މުޒާހަރާ އިއުލާނުކުރުމާ ގުޅިގެން ފުލުހުންގެ އިދާރާއިން އެމްޑީޕީގެ އިންތިޒާމު ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރި ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްޑީޕީން ބުނި ގޮތުގައި، މާލޭގެ މައި މަގުތަކުގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ މަޖީދީ މަގު ފިޔަވައި މުޒާހަރާކުރުމަށް އެކަށީގެންވާ މަގެއް ނެތުމުން، މުޒާހަރާ ކުރިއަށް ގެންދެވޭނީ މަޖީދީ މަގުގައި ކަމަށް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން އެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ. އަދި ފަހުވަގުތު ފުރުސަތު ނުދީފާނެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން "މިފަހަރު އެހެން ނުވާނެ" ކަމުގެ ކަށަވަރުކަން ފުލުހުން ދިން ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ނަމަވެސް، ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ކަށަވަރުކަން ލިބިފައިވަނިކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާނު ރައްޔިތުންގެ މަޖިލީހުގައި މަޖީދީ މަގުގައި މުޒާހަރާކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ވިދާޅުވުމުން އެކަން އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ. އެ ޕާޓީން ބުނީ ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވުމަކީ ސަރުކާރުން ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމު ނުކުރާކަން ހާމަވާ ކަމެއް ކަމަށެވެ.

މިނިސްޓަރު އިހުސާނު އެހެން ވިދާޅުވި ނަމަވެސް، ފުލުހުންގެ ބަހާ އެއްގޮތަށް މުޒާހަރާ ކުރިއަށް ގެންދާނީ މަޖީދީ މަގުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން މުޒާހަރާގައި ބައިވެރިވުމަށް އެދި، މުޒާހަރާގެ ބައިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *