އީރާނުން ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަފާނެ ކަމުގެ ނުރައްކާތެރި އިންޒާރަކާ ގުޅިގެން، ސިއްރު އޮޕަރޭޝަނެއްގެ ދަށުން އޭނާ ތުރުކީން އިނގިރޭސިވިލާތަށް އަސްކަރީ ފްލައިޓެއްގައި ވަޑައިގެންފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި އޮޕަރޭޝަންގެ ދަށުން ޓްރަމްޕް ފުރަތަމަ އަރާވަޑައިގަތީ ކެމެރާތަކުގެ ކުރިމަތީގައި ކުރީގެ "އެއަރ ފޯސް ވަން" މަތިންދާބޯޓަށެވެ. ނަމަވެސް އޭގެ ފަހުން އެއަރޕޯޓުގައި ބޭނުންކުރާ ކޭޓަރިންގ ޓްރަކެއް (މަތިންދާބޯޓަށް ކާބޯތަކެތި އުފުލާ ވެހިކަލެއް) ބޭނުންކޮށްގެން، ސިއްރުން އޭނާ ވަނީ އެއަށްވުރެ ކުޑަ އަސްކަރީ ބޯޓެއް ކަމަށްވާ އެއަރ ފޯސް "ސީ-32އޭ" އަށް ބަދަލުކުރެވިފައެވެ.
މި ދަތުރުގައި ބައިވެރިވި ނޫސްވެރިންނާއި ވައިޓް ހައުސްގެ ބައެއް މުވައްޒަފުންނަށް ވެސް ހީކުރެވިފައި އޮތީ ޓްރަމްޕް އިންނެވީ ކުރީގެ ރިޔާސީ ބޯޓުގައި ކަމަށެވެ. އެހެންކަމުން އެ ބޯޓު އިނގިރޭސިވިލާތަށް އުދުހުނީ ހަމައެކަނި އޮޅުވާލުމަށެވެ.
ޓްރަމްޕް ގޮވައިގެން ދަތުރުކުރި "ސީ-32އޭ" ބޯޓު އިނގިރޭސިވިލާތަށް ގޮސްފައިވަނީ ރޭގަނޑު 10:20 ހާއިރުއެވެ. އޮޅުވާލުމަށް އުދުހުނު ކުރީގެ އެއަރ ފޯސް ވަން ބޯޓާއި އޭގައި ތިބި ނޫސްވެރިން އިނގިރޭސިވިލާތަށް ފޯރީ އޭގެ މިނެޓުކޮޅެއް ފަހުންނެވެ.
މިކަމާ ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ، އެމެރިކާގެ ދުޝްމަނުންގެ ފަރާތުން ޓްރަމްޕަށް ތަފާތު ނުރައްކާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަތީ ފެންވަރުގެ ސެކިއުރިޓީ ފިޔަވަޅުތައް އަބަދުވެސް ބޭނުންކުރަމުންދާނެ ކަމަށެވެ.





