ރާއްޖޭގެ އިޤްތިޞާދީ މައި ދޮރާށި، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް ސަރުކާރުން މިވަނީ ހަލުވިކަމާއެކު ފަށާފައެވެ.
މި ބަދަލާއެކު ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މުދާ ހުސްކުރުމުގެ ލަސްކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ރާއްޖެއަކީ ބޭނުންކުރާ މުދަލުގެ ގާތްގަނޑަކަށް 90 އިންސައްތަ ބޭރުން އެތެރެކުރާ ގައުމެކެވެ. މިހާރު 90,000 އަށްވުރެ ގިނަ ބާވަތުގެ މުދާ ރާއްޖެއަށް އެތެރެކުރާއިރު، މީގެ ތެރެއިން ގިނަ މުދާ ބާލަނީ މާލޭ ވިޔަފާރި ބަނދަރަށެވެ. ނަމަވެސް މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، މަގަތު ފާލަމުގެ ކުޑަކަމުގެ ސަބަބުން މުދާ ބޭލުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މިހާރު މާލޭ ބަނދަރުގައި އޮންނަނީ އެންމެ 100 މީޓަރުގެ މަގަތު ފާލަމެކެވެ. އަދި އޭގެ ފުންމިނަކީ 9 މީޓަރެވެ. މީގެ ސަބަބުން ބޮޑެތި ބޯޓުތަކަށް ކައިރިނުކުރެވޭތީ، ބޭރުގައި ބޯޓު ބާއްވައިގެން މުދާ ބާލަންޖެހޭ 'އައުޓަރ އެންކަރޭޖް' އޮޕަރޭޝަންތައް ކުރިއަށްގެންދަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން، އެވަރެޖްކޮށް ރާއްޖެ އަންނަ ކާގޯ ބޯޓެއް ހުސްކޮށް، ބަރުކޮށްގެން ފުރުވާލުމަށް މިހާރު 10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރާއެކު މި ހާލަތު މުޅިން ބަދަލުވެގެންދާނެއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މި އަހަރުގެ ނިޔަލަށް 100 މީޓަރުގެ މަގަތު ފާލަމެއް ބޭނުންކުރަން ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދަނީ އަމާޒު ހިފަމުންނެވެ. މުޅި މަޝްރޫޢު ނިމޭއިރު 1,400 މީޓަރުގެ ދިގު މަގަތު ފާލަމެއް ޤާއިމްކުރެވޭނެއެވެ.
ތިލަފުށީ ބަނދަރުގެ އެންމެ ބޮޑު އެއް ތަފާތަކީ އެ ތަނުގެ ފުންމިނެވެ. 14 މީޓަރުގެ ފުންމިނާއެކު، ބޮޑެތި ބޯޓުތަކަށް ފަސޭހަކަމާއެކު ކައިރިކުރެވޭނެއެވެ. އަދި ބޯޓުތަކުގައި ހުންނަ ކްރޭންތަކުގެ ބަދަލުގައި، ބަނދަރުގައި ދާއިމީކޮށް ހުންނަ 'ސީ-ޓު-ޝޯ' ކްރޭންތަކާއި 'މޯބައިލް ހާބަރ' ކްރޭންތައް ބޭނުންކުރަން ފެށުމުން، މުދާ ބޭލުމުގެ ސްޕީޑް އެތައް ގުނައެއް އަވަސްވާނެއެވެ. މީގެ ސަބަބުން މިހާރު 10 ދުވަހުން ކުރާ މަސައްކަތް، އެންމެ 2 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
އަދަދުތަކަށް ބަލާއިރު، މިހާރު އަހަރަކު ހޭންޑަލް ކުރެވޭ 80,000 ޓީއީޔޫ (ކޮންޓެއިނަރު) ގެ ބަދަލުގައި، އައު ބަނދަރާއެކު 390,000 ޓީއީޔޫ ހޭންޑަލް ކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ބަނދަރަކީ ސައްތައިން ސައްތަ ދިވެހިންގެ ބެލުމުގެ ދަށުން ހިންގާނެ ދިވެހި ބަނދަރެކެވެ. މި ބަދަލާއެކު މުދަލުގެ އަގުތަކަށް ހެޔޮ ބަދަލެއް އައުމުގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.






