ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި ރަށްރަށުގެ އިޙްތިސާސްގައި ހިމެނޭ ބިންތައް ރައްޔިތުންގެ ބަހެއް ނެތި ނެގޭ ގޮތަށް ޤާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ އިސްލާޙަކީ، ސީދާ ދިވެހި ރައްޔިތުންނާ ދެކޮޅަށް ހިންގާ ޚުދުމުޚްތާރު އަދި އަނިޔާވެރި ޢަމަލެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ފާޑުވިދާޅުވެއްޖެއެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށު ކައުންސިލްތަކުގެ ބާރު ކެނޑޭ ގޮތަށް އަދި ރައްޔިތުންގެ ބައިވެރިވުމެއް ނެތި ބިންތައް ނެގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ރޫޙާ ޚިލާފަށް، ސަރުކާރުން ބާރުތައް މަރުކަޒުކޮށް ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މި އިސްލާޙަކީ ސަރުކާރުން ޚުދުމުޚްތާރުކޮށް ހިންގަން އުޅޭ އަނިޔާވެރި ޢަމަލެއް ކަމަށާއި، މިކަން މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި މި މައްސަލައިގައި އެމްޑީޕީ އޮތީ ދިވެހި ރައްޔިތުންނާއި ކައުންސިލުތަކާ އެކު ސާބިތުކަމާއެކު ކަމުގެ ޔަޤީންކަންވެސް ޝާހިދު ދެއްވިއެވެ.
މި އިސްލާޙާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުން ދާއިރު، ސަރުކާރުން ދަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހަނިވެ، ރަށްރަށުގެ ބިމުގެ މިލްކުވެރިކަމުގެ މައްޗަށް އޮތް ބާރުވެރިކަން ގެއްލިގެން ދާނެއެވެ.






