ދިވެހިރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެމުންދާ މައިގަނޑު ސަބަބަކީ ބައެއް ނޫސްތަކުން ފަތުރާ ޚަބަރުތަކާއި ޖަހާ ސުރުހީތައް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "އިގްތިސޯދުގެ ދެ ފަރާތް" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ އަގު އެއް ދުވަހުން އަނެއް ދުވަހަށް ބަދަލުވަމުންދަނީ ހަގީގީ އިގްތިސޯދީ ސަބަބުތަކަށްވުރެ ބޮޑަށް، މީޑިއާތަކުން އުފައްދާ "ޕެނިކް" ނުވަތަ ބިރުވެރިކަމުގެ ސަބަބުން ކަމަށެވެ.
ބައެއް ނޫސްތަކުން "މިއަދުގެ ރޭޓަކީ 22 ރުފިޔާ" ކަމަށް ބުނެ ޖަހާ ސުރުހީތަކަކީ ބާޒާރު "މެނިޕިއުލޭޓް" ކުރަން ފަތުރާ ފޭކް ނިއުސްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
މި ފޯރަމްގައި ވާހަކަދެއްކެވި އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ ރާއްޖޭގެ ޑޮލަރުގެ ބާޒާރުގެ ބޮޑު އިންސައްތައެއް ކޮންޓްރޯލް ކުރަނީ ކަޅުބާޒާރުން ކަމަށް އެއްބަސްވެފައެވެ. އޭނާ ވިދާޅުވީ ޑޮލަރު ލިބެން ހުރި ނަމަވެސް، ލިބެނީ %35 ބޮޑު އަގެއްގައި ނުވަތަ "އާޓިފިޝަލް" އަގުތަކެއްގައި ކަމަށެވެ. އަދި ރާއްޖޭގެ މަނިޓަރީ ސިޔާސަތު ޒަމާނީކޮށް، ސިންގަލް ކަރަންސީ އިގްތިސޯދަކަށް ބަދަލުވާން ޖެހޭ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ސުވާލު އުފެއްދެވީ، ހެނދުނު ހޭލާއިރު ޑޮލަރުގެ އަގު އުފުލިއްޖެ ކަމަށް ބުނެ ޚަބަރު ފެތުރުމަކީ ޒިންމާދާރު ގޮތެއްތޯއެވެ. މި ވާހަކައަށް ތާއީދުކުރައްވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވިދާޅުވީ، އެފަދަ ހެޑްލައިންތަކުގެ ސަބަބުން ސަރުކާރާ މެދު ނޭދެވޭ ތަސައްވުރެއް އުފެދި، އޭގެ ގެއްލުން މުޅި އިގްތިސޯދަށް ކުރިމަތިވާ ކަމަށެވެ.
ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ އިގްތިސޯދު ފުޅާވަމުންދާއިރު، ބޭރު ފައިސާ ބޭރަށް ލީކުވާ ދިމާތައް ބަންދުކޮށް، ގާނޫނީ އޮނިގަނޑު ހަރުދަނާކުރަން ޖެހެއެވެ. ރާއްޖޭގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށް ވިޔަސް، މިހާރު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 22.10 ރުފިޔާއަށް ވުރެ މަތީގައެވެ.






