2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމުގެ މަސައްކަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީ.އެން.ސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވާ ފަލާހު ވިދާޅުވީ ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި، 2028 ވަނަ އަހަރު ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވުމަށް ރައީސް ޔާމީން ފޫގަޅާލައިގެން ނުކުންނަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ
ފަލާހުގެ ވާހަކައިގައި އިދިކޮޅު އެމް.ޑީ.ޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމް.ޑީ.ޕީއަށް އަލުން ވެރިކަން ލިބިއްޖެނަމަ، ރައީސް ޔާމީނަށް އަނެއްކާވެސް އަނިޔާވެރިވާނެ ކަމަށާއި، އެމަނިކުފާނު އަނބުރާ މާފުށީ ޖަލަށް ބަދަލުކުރާނެ ކަމީ ޔަގީން ކަމެއް ކަމަށެވެ. އަދި މިކަން ރައީސް ޔާމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ފަލާހު ފާހަގަކުރެއްވިއެވެ.
"ޔާމީނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޒަމާނެއްގެ ކޮޅުން އެމްޑީޕީއަށް ވެރިކަން ލިބުނަސް ޔާމީނު އަނެއްކާ މާފުށްޓަށް ބަދަލުކޮށް އަނިޔާވެރިވާނެކަން،" ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމް.ޑީ.ޕީގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ، އެ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދު އަނެއްކާވެސް އިނދަޖައްސާލާނެ ކަމަށެވެ. އަދި އެމް.ޑީ.ޕީއަކީ ބަހާއި އަމަލާ ދިމާނުވާ ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.






