ކައިވެންޏަށް 10 މަސް ފަހުން ފިރިމީހާއަކީ އަންހެނެއްކަން ފަޅާއަރައިފި

ކައިވެންޏަށް 10 މަސް ފަހުން ފިރިމީހާއަކީ އަންހެނެއްކަން ފަޅާއަރައިފި

މިއީ ހަގީގަތާ ހިލާފު ވާހަކައެއްހެން ހީވި ނަމަވެސް، މިއީ އިންޑޮނޭޝިއާގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. މިއީ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމަށް ހިންގާފައިވާ ބޮޑު ސްކޭމެކެވެ.

އިންޑޮނޭޝިއާގެ ޖަމްބީ އަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަންހެނެކެވެ. މީޑިއާތަކުގައި އޭނާގެ ނަން ބޭނުން ކޮށްފައި ވަނީ ހަމައެކަނި 'އެން.އޭ' ގެ ގޮތުގައެވެ. ފިރިހެނަކަށް ހެދިގެން، އެމެރިކާއިން ކިޔަވައިގެން ހުރި ޑޮކްޓަރެއް އަދި ވިޔަފާރިވެރިއެއް ކަމަށް ބުނެ އޮޅުވާލީ 'އަހްނަފް އައްރަފީފް' ގެ ނަމުގައި އުޅުނު މީހެކެވެ. ނަމަވެސް ފަހުން ފަޅާއެރި ގޮތުގައި އޭނާއަކީ 'އެރަޔާނީ' ނަމަކަށް ކިޔާ އަންހެނެކެވެ.

މި ދެމީހުންގެ ކައިވެނި ކުރެވިފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މިއީ ދައުލަތުގައި ރަޖިސްޓްރީ ނުކޮށް، ސިއްރުން ކޮށްފައިވާ ދީނީ ކައިވެންޏެކެވެ. ކައިވެނި ރަޖިސްޓްރީ ނުކުރި ސަބަބެއް ކަމަށް 'އަހްނަފް' އޭރު ބުނެފައިވަނީ އޭނާގެ އަތުގައި ކައިވެނިކުރަން ބޭނުންވާ ގާނޫނީ ލިޔެކިޔުންތައް ނެތުމުން ކަމަށެވެ.

މި ދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ 2021 ވަނަ އަހަރުގެ މެއި މަހު ޑޭޓިންގ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ހާދިސާގެ ފެށުން އައީ އިންޑޮނޭޝިއާގެ ޖަމްބީ އިންނެވެ.

ކައިވެންޏަށް ފަހު ދިރިއުޅެމުން ދިޔައީ އަންހެން މީހާގެ މައިންބަފައިންގެ ގޭގައެވެ. ޑޮކްޓަރެއް ކަމަށް ބުނި ނަމަވެސް ވަޒީފާއަށް ނުގޮސް، އަބަދު އަންހެން މީހާގެ އާއިލާ އަތުން ފައިސާއަށް އެދެން ފެށުމުން އާއިލާއިން ޝައްކުކުރަން ފެށިއެވެ. އަދި ދެމަފިރިން ރޭ ކުރާއިރު އަބަދުވެސް އަންހެން މީހާގެ ލޯ ބަނދެ، ކަނު އަނދިރީގައި ކަންކަން ކުރުމަށް ފިރިމީހާ މަޖުބޫރު ކުރިއެވެ.
އާއިލާއަށް ޝައްކުވާން ފެށުމުން، އަނބިމީހާ ގޮވައިގެން ސައުތު ސުމަޓްރާގެ ލަހަތު އަށް ބަދަލުވެ، އެތަނުގައި އެތައް މަހެއް ވަންދެން އަންހެން މީހާ ގޭބަންދުކުރިއެވެ.

އަންހެން މީހާއަށް އާއިލާއާ ނުގުޅޭތީ، އޭނާގެ މަންމަ ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމުން ފުލުހުން ވަނީ ލަހަތު އިން އެމީހުން ހޯދާފައެވެ. ފުލުހުންގެ ތަހުގީގުގައި 'އަހްނަފް' އާ ސުވާލުކޮށް ބެލިބެލުމުން، އޭނާއަކީ އަންހެނެއްކަން 10 މަސް ފަހުން ވަނީ ފަޅާއަރާފައެވެ.

މި މައްސަލައިގައި އަންހެން މީހާގެ އާއިލާއިން ވަނީ 300 މިލިއަން އިންޑޮނޭޝިއަން ރުޕިއާ (ގާތްގަނޑަކަށް 20،000 އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ ފައިސާގެ އޮޅުވާލުމުގެ ދައުވާ އާއި ތައުލީމީ ސެޓްފިކެޓް ފޯޖު ކުރުމުގެ ދައުވާ އެރަޔާނީގެ މައްޗަށް އުފުލާފައެވެ. އަދި މި މައްސަލައިގެ ޝަރީއަތް 2022 ވަނަ އަހަރުގެ ޖޫން މަހު ޖަމްބީ ޑިސްޓްރިކްޓް ކޯޓުގައި ވަނީ ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *