އިދިކޮޅު އެމްޑީޕީގެ އިސްބޭފުޅުންނަކީ ކޮންމެވެސް ވައްކަމެއް ނުކޮށް ލޮލަށް ނިދި އަންނާނެ ބައެއް ނޫން ކަމަށް ވިދާޅުވެ، ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ފަޒީލް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ކަންކަމަށް ބަލާއިރު އެ ބޭފުޅުންނަކީ ރައްޔިތުންނަށް އިޚުލާޞްތެރި ބައެއް ނޫންކަން ހާމަވާ ކަމަށެވެ. ޚާއްޞަކޮށް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ނުރައްކާތެރި ދުވަސްވަރު އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.
"ކޮވިޑު ދުވަސްވަރު ކީއްތޯ ކުރީ؟ ޕީސީއާރް ކިޓުތަށް ވިއްކީ. މަސްދަޅުން ވައްކަން ކުރީ. ނުވިތާކަށް ރައްޔިތުންގެ ނޭވާ ހޮޅިންވެސް ވައްކަންކުރީ،" ފަޒީލް ވިދާޅުވިއެވެ.
ފަޒީލް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް އެހީތެރިވުމުގެ ބަދަލުގައި އިސްކަން ދިނީ އަމިއްލަ މަންފާއަށް ކަމަށާއި، އެ ދުވަސްވަރު ހިންގި ވެންޓިލޭޓަރުގެ މުއާމަލާތަކީ އޭގެ ސާފު ހެއްކެއް ކަމަށެވެ. އަދި މިއަދު އެ ބޭފުޅުން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް މާ ހެޔޮއެދޭ ބަޔަކަށް ވެގެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު ފަޒީލް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އެމްޑީޕީން ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ. ފަޒީލްގެ ވާހަކައިގައި ވަނީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އެ ބޭފުޅުންގެ އިތުބާރު ނެތްކަން ހާމަކުރައްވާފައެވެ.






