ރައީސް ޑރ. މުހައްމަދު މުއިއްޒަކާ ދޭތެރޭގައި އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި ރުޅިވެރިކަން އޮތީ ހަމައެކަނި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅޭ ގޮތުން، ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން އެހެން ވިދާޅުވީ, 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ ފަހަތަށް ރައީސް މުއިއްޒު ވަޑައިގެން މަސައްކަތް ކުރައްވަފާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޔާމީން ވިދާޅުވީ, އެ މަނިކުފާނުގެ ފަހަތަށް އަރައި މަސައްކަތް ކުރެއްވުމަކީ ރައީސް މުއިއްޒުގެ ނިންމެވުމެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
”…އަޅުގަނޑު މިއުޅެނީ ރުޅިވެރިކަމެއް އޮވެގެންނެއް ނޫން އެއްވެސް ބޭފުޅަކާ ދޭތެރޭ. އަޅުގަނޑު ރުޅިވެރިކަމެއް އޮތީ ހަމައެކަނި އިބްރާހިމް މުހައްމަދު ސޯލިހާ ދޭތެރޭގައި. އެއީ ނުހައްގުން އަޅުގަނޑު ޖަލުގައި ގެންގުޅުނީމަ. އޭނާގެ ދެވަނަ ރިޔާސީ ދައުރެއް ކަށަވަރުވާނީ އަޅުގަނޑު ޖަލުގައި ގެންގުޅެގެން ކަމަށް އޭނާއަށް ގަބޫލުކުރެއްވިގެން ނުހައްގުން ނާއިންސާފުން އަޅުގަނޑު ޖަލަށްލީމަ އެ ރުޅިވެރިކަން އަޅުގަނޑުގެ އޮތީ. އެހެން ބޭފުޅުންނާ ދޭތެރޭ ރުޅިވެރިކަމެއް ނެތް,“ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަނީ ހަސަދަވެރިވެގެން ނުވަތަ ޒާތީވެގެން ނޫން ކަމަށެވެ.
”މުއިއްޒާ ދޭތެރޭގައި އަޅުގަނޑުގެ ރުޅިވެރިކަމެއް އަމްދުން ނެތް. އެއީ އަޅުގަނޑުމެންގެ ތެރެއިން ވަޑައިގެންނެވި ބޭފުޅެއް. އަޅުގަނޑު ގަބޫލެއް ނުކުރަމޭ މުއިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަކަށް. އަޅުގަނޑު ޖަލަށް ގެންދަވާފާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމޭ,“ ޔާމީން ވިދާޅުވި އެވެ.






