ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފަރުމާކުރެއްވި ނުވަތަ 'އޮރިޖިނޭޓް' ކުރެއްވި މަޝްރޫއުތަކެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
'ސަންގު ޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ހުރިހާ ބޮޑެތި މަޝްރޫއުތަކަކީ ރައީސް އޮފީހުން އިސްނަގައިގެން، ރޭވުންތައް ރާވައި، ފާސްކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކަންކަން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުތަކަކީ އިގްތިސޯދީ ގޮތުން ރާއްޖެއަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި އެމަނިކުފާނު ރޭއްވެވި ކަންކަމެވެ.
މި މަޝްރޫއުތަކުގެ ތަފްސީލަށް ބައްލަވަމުން ޔާމީން ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ޗައިނާގެ ބަޔަކު ކުރި މަސައްކަތެއް ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލަކީ ސިންގަޕޫރު ބަޔަކު ކުރި މަސައްކަތެއް ކަމަށެވެ. އަދި ސަލްމާން މިސްކިތަކީ ބޭރު ބަޔަކު ކުރި މަސައްކަތެއް ކަމަށާއި، އެ މިސްކިތުގެ ކުލައާއި ޖަހާފައިވާ ތަށިމުށިތަކަކީވެސް އެމަނިކުފާނު އަމިއްލަފުޅަށް ނިންމެވި ކަންކަން ކަމަށް ވިދާޅުވިއެވެ.
"މި ކަންކަމުގެ ތެރެއިން ބައެއް ކަންކަން ތަންފީޒުކުރައްވާ ބޭފުޅަކީ މުއިއްޒު. ބްރިޖުގެ މަސައްކަތުގަ މުއިއްޒު ކޮން ކަމެއްތޯ ކުރައްވާނީ؟ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކޮން ބައެއްތޯ ކުރެއްވީ؟ މުއިއްޒުގެ ކޮންޓްރިބިއުޝަނެއް ނޯންނާނެ އެއަކުއެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒަށް ނުކުރެވޭނެ ކަމަށް ވިދާޅުވި ކަމެއްގެ މިސާލެއް ދައްކަވަމުން ޔާމީން ވިދާޅުވީ، މާފަންނުގައި ފަތާ ފެންގަނޑެއް ހަދަން އެދުމުން، މިނިސްޓްރީގެ ފަންނީ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު އެކަން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށެވެ. ނަމަވެސް އެ މަސައްކަތްވެސް ފަހުން ކާމިޔާބުކަމާއެކު ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މަސައްކަތްތައް ތަންފީޒުކުރުމުގެ ކްރެޑިޓް ރައީސް މުއިއްޒަށް ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މަޝްރޫއުތަކަކީ ރައީސް މުއިއްޒުގެ "ޖާދޫއެއް" ކަމަށާއި، އެމަނިކުފާނާ ނުލައި އެކަންކަން ނުވާނެ ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑެތި އުމްރާނީ މަޝްރޫއުތައް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި، ސިނަމާލެ ބްރިޖް އަދި ހިޔާ ފްލެޓް މަޝްރޫއު ހިންގާފައިވަނީ 2013 އިން 2018 އަށް ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭރު މުޅި ދައުރުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.





