މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޫކޮށްފައިވާ ބިމެއްގައި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުންފުނިން އިމާރާތް ކޮށްފައިވާ ތަން ހުސް ކުރުމަށް އެ ކުންފުނިން އެންމެ ފަހުން ނިންމައިފިއެވެ.
މިއީ އެފްއޭއެމްގެ އާ މެނޭޖްމަންޓާއި އޮއްޕޮގެ ކުންފުންޏާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އައި ނިންމުމެކެވެ.
ބިން ދޫކުރުމުގެ މައްސަލައިގެ ފަސްފަސްލަދު
އޮއްޕޮގެ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް މި ބިން ދޫކޮށްފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައެވެ. އެއީ 2،500 އަކަފޫޓުގެ ބިމެއް 25 އަހަރުގެ މުއްދަތަށް، އެއްވެސް ކުއްޔަކާ ނުލައި ދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ. އޭރު އެފްއޭއެމުން ބުނެފައިވަނީ މި ބިން ދޫކުރީ 1.8 މިލިއަން ރުފިޔާގެ ކުނި އުކައިދިނުމުގެ ބަދަލެއްގެ ގޮތުން ކަމަށެވެ.
ކޯޓު މަރުހަލާ އާއި މަޝްވަރާ
އެފްއޭއެމްގެ ރައީސް ކަމަށް އަހުމަދު ތޯރިގް (ޓޮމް) އިންތިހާބުވުމަށްފަހު، އެ ބިން ދޫކޮށްފައިވަނީ ސައްހަ އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށް ބުނެ ބިން ހުސްކުރަން އެންގިއެވެ. މި މައްސަލަ ފިއުޗާ ހޯމްސްއިން ސިވިލް ކޯޓަށް ހުށަހެޅީ ބަދަލެއް ނުލިބޭނަމަ ބިން ހުސްނުކުރާނެ ކަމަށް ބުނެއެވެ. ނަމަވެސް، ކޯޓުން ދިން ދެ ހަފުތާގެ މުއްދަތުގައި ދެ ފަރާތުން ކުރި މަޝްވަރާތަކަށްފަހު، އޮއްޕޮގެ ކުންފުނިން ވަނީ މައްސަލަ އަނބުރާ ގެންގޮސް، އިމާރާތް ހުސްކުރަން އެއްބަސްވެފައެވެ.
އެފްއޭއެމްގެ ޝުކުރު
މި ނިންމުމާ ގުޅިގެން އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ފުޓްބޯޅައިގެ ލެޖެންޑް އޮއްޕޮގެ މި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. "އެ ކުންފުނީގެ މި އަމަލުން ދައްކުވައިދެނީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް އެ ކުންފުނިން އަހައްމިއްޔަތުކަން ދޭ މިންވަރާއި، ފުޓްބޯޅަ އާއިލާއަށް ހެޔޮ ނަތީޖާއެއް ހޯދައިދިނުމަށް ދޭ އެހީތެރިކަން،" ކަމަށް އެފްއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގައި އެކުގައި ކުޅުނު ޓޮމް އާއި އޮއްޕޮ މި މައްސަލައިގައި އެއްބަސްވުމަކަށް އައި އިރު، މިކަމަށްޓަކައި އެފްއޭއެމްގެ އެކްސްކޯއިން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި ޓޮމްގެ އިތުރުން އަހުމަދު އައްބާސް އާއި އަލީ ރިޒްވާން ހިމެނިވަޑައިގަންނަވައެވެ.






