1970 އާއި 1980 ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ބޮޑު މަގުބޫލު ކަމެއް ހޯދި އެކްޓަރު ރާޖް ކިރަން އަކީ ހިންދީ ސިނަމާގެ ތާރީޚުގައިވެސް އެންމެ ފާހަގަކޮށްލެވޭ، ނަމަވެސް އެންމެ އާދަޔާޚިލާފު ގޮތަކަށް ގެއްލުނު އެއް ފަންނާނެކެވެ.
ރާޖު ކިރަން އުފަންވީ 17 ޖޫން 1949 އިންޑިއާގެ މުމްބާއީއަށެވެ. އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ސިންދީ އާއިލާއަކަށް ނިސްބަތްވާ ރާޖް ކިރަންގެ އަސްލު ނަމަކީ ރާޖް ކިރަން މަހްތާނީ އެވެ. އޭނާ ތައުލީމު ހާސިލުކުރީ މުމްބާއީއިންނެވެ. ތައުލީމީ ދާއިރާއިން ކުރިއަށްދިއުމަށްފަހު، 1970 ގެ އަހަރުތަކުގެ ކުރީކޮޅު އޭނާ ބޮލީވުޑްގެ އެކްޓިން ދާއިރާއަށް ނުކުތެވެ.
ރާޖް ކިރަން ފިލްމީ ދާއިރާއަށް ތައާރަފުވީ 1975 ވަނަ އަހަރު ބީ.އާރު. އިޝާރާގެ ކާގަޒް ކީ ނާއޯ ނަމަކަށްކިޔާ ފިލްމުންނެވެ. އޭގެ ފަހުން 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ 100 އަށްވުރެ ގިނަ ފިލްމާއި ޓީވީ ސީރީޒްތަކުގައި މަސައްކަތްކޮށްފައެވެ.
ރިޝީ ކަޕޫރާއެކު ކުޅުނު "ރަވީ ވަރުމާ" ގެ ރޯލަކީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު އެއް މަސައްކަތެވެ. މަހޭޝް ބަޓްގެ" އަރުތު " ފިލްމުގައި އޭނާ ދެއްކި އެކްޓިންއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި އާހަތު އަދި ރިޕޯޓަރ ފަދަ މަގުބޫލު ސީރީޒްތަކުންވެސް އޭނާ ފެނިގެންދިޔައެވެ.
1990 ގެ އަހަރުތަކުގެ ފަހުކޮޅު ރާޖް ކިރަންގެ ފިލްމީ ކެރިއަރު އަނދަވަޅަކަށް ވެއްޓެން ފެށިއެވެ. މިއާއެކު އޭނާއަށް ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ. ކެރިއަރު އަޑިއަށް ދިއުމާއި، އާއިލީ މައްސަލަތަކުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ޑިޕްރެޝަނަށް ގޮސް މުމްބާއީގެ މަސީނާ ހޮސްޕިޓަލުގެ ނަފްސާނީ ބަޔަށް ފަރުވާކުރަން އެޑްމިޓް ވެސް ކުރެވުނެވެ.
އޭނާގެ ކައިވެނި ރޫޅި، އަނބިމީހާ އެހެން މީހަކާ ކައިވެނިކުރުމަށްފަހު، 1990 ގެ އަހަރުތަކުގެ ފަހުކޮޅު ރާޖް ކިރަން އެމެރިކާއަށް ބަދަލުވިއެވެ. އެއީ އޭނާގެ ބޭބެ ގޯވިންދު މަހްތާނީވެސް ދިރިއުޅެމުންދިޔަ ގައުމެވެ.
އެމެރިކާގައި ޓެކްސީ ދުއްވުމާއި ޑެލިވަރީ މަސައްކަތް ފަދަ ކުދިކުދި ވަޒީފާތައް އަދާކުރުމަށްފަހު، 2000 ވަނަ އަހަރުގެ ކުރީކޮޅު (2000–2003 އާ ދެމެދު) އޭނާ ވަނީ ގެއްލިފައެވެ.
2011 ވަނަ އަހަރު، މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު މީޑިއާއަށް ބުނީ ރާޖް ކިރަން އެމެރިކާގެ އެޓްލާންޓާގައި ހުންނަ ނަފްސާނީ އެހީދޭ މަރުކަޒެއްގައި އެބަހުރި ކަމަށް އޭނާގެ ބޭބެ ބުނެފައިވާ ކަމަށެވެ. ނަމަވެސް، ރާޖް ކިރަންގެ ދަރިފުޅު ރިޝީކާ މަހްތާނީ ވަނީ މި ވާހަކަ ދޮގުކޮށް، އޭނާގެ ބައްޕަ އެޓްލާންޓާގައި ނެތް ކަމަށާއި، އަދިވެސް ނުފެނޭ ކަމަށާއި ބައްޕަ ވަނީ ގެއްލިފައި ކަމަށް ބުނެފައެވެ.
ރާޖް ކިރަން ގެއްލުމާ ގުޅިގެން އޭނާގެ އާއިލާއިން ވަނީ އެމެރިކާގެ ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓް އަށް މައްސަލަ ހުށަހަޅައި، އަމިއްލަ ޕްރައިވެޓް ޑިޓެކްޓިވް ނުވަތަ ތަހުގީގުކުރާ ފަރާތްތައް މެދުވެރިކޮށް އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ.
ނަމަވެސް ފުލުހުންނާއި ތަހުގީގީ އިދާރާތަކަށް އޭނާ ވީތަނެއް ނުވަތަ ދިރިހުރިކަން ނުވަތަ މަރުވެފައިވާކަން ކަށަވަރުކޮށްދެވޭނެ އެއްވެސް ސައްހަ މަޢުލޫމާތެއް ނުވަތަ ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
މި ދުވަސްވަރު އަލުން ރާޖް ކިރަންގެ ވާހަކަ މީޑިއާގެ ފުރަތަމަ ސަފަށް އައިސްފައިވަނީ ކުރީގެ ބޮލީވުޑް އެކްޓްރެސް އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޯމީ އަލީ ކުރި އިއުލާނަކާ ގުޅިގެންނެވެ.
ސޯމީ އަލީ ވަނީ ރާޖް ކިރަން ހުރިތަނެއް ނުވަތަ އޭނާއާ ބެހޭ ސައްހަ މައުލޫމާތެއް ފޯރުކޮށްދީފި މީހަކަށް 5,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.78 ލައްކަ އިންޑިއަން ރުޕީސް) ގެ އިނާމެއް ދޭނެކަން އިއުލާން ކޮށްފައެވެ. ސޯމީ ބުނި ގޮތުގައި މިއީ 2020 ވަނަ އަހަރު މަރުވި އެކްޓަރު ރިޝީ ކަޕޫރު ދިރިހުރިއިރު، ރާޖް ކިރަން ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާގެ ގާތުގައި ވި ވައުދެކެވެ.
މީގެ އިތުރުން، ރާޖް ކިރަންގެ ދަރިފުޅު ރިޝީކާ މަހްތާނީ އަކީ މިހާރު ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު ޖުވެލަރީ ޑިޒައިނަރަކަށް ވެފައިވާތީ، އޭނާގެ އާއިލާގެ މައުލޫމާތުތައްވެސް ދާދިފަހުން ވަނީ މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދާފައެވެ.





