ދެކުނު ކޮރެއާގައި ތަޢާރަފުކޮށްފައިވާ "ފޫޑްނެވަރކަމްސް" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް މިހާރު ވަނީ ޒުވާނުންގެ، ޚާއްޞަކޮށް "ޖެން-ޒީ" ގެ މެދުގައި ވަރަށް ބޮޑަށް މަޤްބޫލުވެފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކާބޯތަކެތި އޯޑަރު ކުރެވުނު ނަމަވެސް، ހަޤީޤަތުގައި އެއްވެސް ކާއެއްޗެއް ޑެލިވަރީއެއް ނުކުރާނެއެވެ.
20 ވަރަކަށް މިނެޓު ހޭދަކޮށްގެން ރެސްޓޯރެންޓުތަކުގެ މެނޫތައް ބަލައި، ކާއެއްޗެހި އިޚްތިޔާރުކޮށް، އެޑްރެސް ޖަހައި ފައިސާ ދައްކާގޮތް ޚިޔާރުކުރެއެވެ. އަދި ޑެލިވަރީ ކުރާ މީހާ އަންނަ ތަން ޓްރެކް ވެސް ކުރެއެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި "އޯޑަރުކުރުމުގެ" އިޙްސާސް ހޯދުމަށް ކުރާ ކަމެކެވެ.
މިފަދަ އެޕްލިކޭޝަންތަކަށް ކިޔަނީ "ޑޯޕަމީން އެޕް" އެވެ. ޕީ.އެސް.އާރު.އައި ހޮސްޕިޓަލްގެ ސައިކޮލޮޖިސްޓް އަދި ކައުންސެލަރެއް ކަމަށްވާ އރްޕިތާ ކޯލީ ވިދާޅުވާ ގޮތުގައި، މިކަމުން ލިބޭ ހިތްހަމަޖެހުމަކީ ކާއެއްޗެއް ލިބުމުން ލިބޭ އުފަލަކަށްވުރެ ބޮޑަށް، އިންތިޒާރުކުރުމާއި ކާއެއްޗެހި އިޚްތިޔާރުކުރުމުގެ ތެރެއިން ސިކުނޑިއަށް ލިބޭ ހިތްހަމަޖެހުމެކެވެ. މެނޫތައް ބަލައި، އެކި ބާވަތްތައް އަޅާކިޔުމަކީ ފޫހިފިލުވައިދީ، އަމިއްލަ ކޮންޓްރޯލް އޮތްކަމުގެ އިޙްސާސް ކުރުވާ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންސާނާގެ ސިކުނޑިން ޑޯޕަމީން ނުވަތަ އުފާވެރިކަން ގެނެސްދޭ ކެމިކަލް ދޫކުރަނީ ހަމައެކަނި އިނާމެއް ލިބުމުންނެއް ނޫނެވެ. އެއްޗެއް ލިބޭނެކަމުގެ އިންތިޒާރުގައި ހުންނަ ވަގުތުވެސް ސިކުނޑިން ޑޯޕަމީން ދޫކުރެއެވެ. ނަމަވެސް، ކޯލީ ވިދާޅުވާ ގޮތުގައި ތަކުރާރުކޮށް މިގޮތަށް އޯޑަރުކޮށް، އަސްލު ކާއެއްޗެއް ނުލިބޭނަމަ، ފަހުން މިކަމުން ލިބޭ އުފާވެރިކަން ކުޑަވެގެންދާނެއެވެ. ސަބަބަކީ ސިކުނޑިއަށް އެއީ ހަޤީޤަތެއް ނޫންކަން އެނގި، އެކަމަށް ހޭނޭތީއެވެ.
މިފަދަ އެޕްތަކުގެ ސަބަބުން ބޭކާރު ޚަރަދުކުރުމާއި، ކުއްލިއަކަށް ކާއެއްޗެހި އޯޑަރުކުރުމުގެ އާދަ މަދުކޮށްދީފާނެކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ. ނަމަވެސް މިއީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ކަމެއް ނޫނެވެ. ކޯލީ އިންޒާރު ދެއްވާ ގޮތުގައި، މީގެ ނޭދެވޭ އަސަރުތަކެއްވެސް ހުރެދާނެއެވެ. މިފަދަ އެޕްތަކުގެ ސަބަބުން ފޯނަށް ދެވިހިފުމާއި ޑިޖިޓަލް ދުނިޔެއިން އުފާ ހޯދަން މަސައްކަތްކުރުން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
މި އާދަޔާޚިލާފު ޓްރެންޑުން ދައްކުވައިދެނީ، މިހާރުގެ ޒުވާނުން ޑިޖިޓަލް ދުނިޔެއިން އަވަސް ހިތްހަމަޖެހުމާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ މިންވަރެވެ. އެކުދިންނަށް ޑިޖިޓަލް ތަޖުރިބާތަކަކީ ހަޤީޤީ ދިރިއުޅުމާ ވަކިވެފައިވާ ކަމެއް ނޫންކަމާއި، އެއީ ދިރިއުޅުމުގެ މުހިންމު ބައެއްކަން މިކަމުން ސާބިތުވެއެވެ.






