ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ކަންކަން ނިންމުމަށް ހާމަ ވޯޓު ނެގުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ކޮންގްރެސް ޕާޓީން މިކަން ހާމަކޮށްފައިވަނީ، އެ ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓުގެ ކަންކަން ގެންދާނެ ގޮތާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ޕީއެންސީން ބުނީ، ޕާޓީގެ މަތީ މަޖިލީހާއި، ގައުމީ މަޖިލީހާއި، ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޕާޓީގެ ގުނަވަންތަކުގައި ކަންކަން ނިންމާނެ ގޮތްތައްވެސް އެ ގަވާއިދުގެ ދަށުން ސާފުކޮށް އެނގެން އޮންނާނެ ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
ޕީއެންސީން އިތުރަށް ބުނީ، ޕާޓީގެ އަސާސީ ގަވާއިދަކީ ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށް، ޕާޓީގެ އާއްމު މެންބަރުންނާއި، ނޫސްވެރިންނާއި، އާއްމު ރައްޔިތުންނަށް ފެންނަ ގޮތަށް އޮންނަ ހާމަ ލިޔުމެއް ކަމަށެވެ. އެގޮތުން ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭ ގޮތް ޕާޓީގެ އަސާސީ ގަވާއިދުގެ ޗެޕްޓަރ 7 ގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައިވާ ގޮތުން، ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ޕާޓީގެ މަތީ މަޖިލީހުން ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށެވެ.
އެހެންކަމުން، ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބުރައީސުންނާއި، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ހާމަ ވޯޓު ނެގުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ހިންގާ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން އިންތިޒާމުވެފައިވަނީ އަތް އުފުލައިގެން ވޯޓު ނަގާ ގޮތަށް ކަން ޕީއެންސީގެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.






