ރާއްޖޭގެ ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާހްކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވައިދެއްވީއެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
ރާއްޖޭގައި އަލަށް މި ޚިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކުގައެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.
މި ނިޒާމުގެ ދަށުން ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެބޭންކުގެ އެހެން އެކަންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެއް ކަމަށް އެމްއެމްއޭއިން ހަމާކުރެއެވެ.
މި ޚިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަގްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ހިދުމަތެކެވެ. މި މަޝްރޫޢަކީ އެމްއެމްއޭ، ޕޭމަންޓް މޯލްޑިވްސް، ރިޒާވް ބޭންކް އޮފް އިންޑިއާ، އެންއައިޕީއެލް އަދި ދެ ގައުމުގެ ކަމާގުޅޭ މާލީ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ޚިދުމަތެކެވެ. އަދި އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް ފެށިގެންދިޔަ ފުރަތަމަ ގައުމަކީވެސް ރާއްޖެއެވެ.
ރާއްޖޭގެ ޕޭމަންޓް ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް
މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗަރއެއް ބައިނަލްއަގްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މިއާއެކު، އިންޑިއާގެ ޔޫޕީއައި ނިޒާމާ ބައިނަލްއަގްވާމީގޮތުން ގުޅާލެވުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވެއެވެ. މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގައެވެ.






