އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް: އެމްއެޗްއާރް ޓްރޭޑިންގގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް: އެމްއެޗްއާރް ޓްރޭޑިންގގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުދަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފިއެވެ.

ދިވެހި ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ޚާއްޞަ ތަޙުޤީޤަކަށް ފަހު ފޮނުވި މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުން، 2014ވަނަ އަހަރުގެ ފެބްރުއަރީން ފެށިގެން 2015ގެ އޮކްޓޯބަރާ ދެމެދު ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ވަންނަންޖެހޭ ފައިސާ ވަނީ އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެމްއެޗްއާރް ޓްރޭޑިންގގެ އެކައުންޓުތަކަށް ޖަމާކޮށްފައެވެ. އެގޮތުން، އެމްއެޗްއާރްގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ "ތަރުކާރީ ފިހާރަ"އަށް އެކި ފަހަރު މަތިން އެސްއޯއެފްގެ ޗެކުތަކުން 325,000 އެމެރިކާ ޑޮލަރު ވަދެފައިވާކަން ތަޙުޤީޤަށް ވަނީ ސާބިތުވެފައެވެ.

މި ޢަދަދުތަކަކީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތްތަކެއްކަމަށް އެމްއެޗްއާރް އިން ބުނި ނަމަވެސް، އޭގެ ބަދަލުގައި ދިވެހި ރުފިޔާ ދިންކަމުގެ އެއްވެސް ހެއްކެއް ތަޙުޤީޤަށް ދެއްކިފައެއް ނުވެއެވެ. މީގެ އިތުރުން، އދ. ފުށިދިއްގާ ކުއްޔަށް ދޫކުރުމުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދެއްކި 50،000 ޑޮލަރު ވެސް އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށް އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމާއި، އެ ފައިސާ ބޭނުންކޮށްފައިވާކަން ކަށަވަރުވެފައިވާކަމަށް އޭސީސީން މަޢުލޫމާތުދެއެވެ.

ތަޙުޤީޤަށް އެއްކުރެވުނު ހެކިތަކަށް ބަލާއިރު، ޗެކުތަކާ ގުޅިގެން ޒިޔާތާއި އެމްއެޗްއާރްގެ މެނޭޖިންގ ޑިރެކްޓަރާ ދެމެދު މުޢާމަލާތްތަކެއް ހިނގާފައިވެއެވެ. އަދި އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އެމްޑީއަށް ޝައްކުކުރެވޭނެ ފަދަ ޙާލަތްތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. އެހެންކަމުން، އެ ކުންފުންޏަށް ދަޢުވާކޮށްދިނުމަށް އެދިފައި ވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53ވަނަ މާއްދާއާއި 58ވަނަ މާއްދާގެ ދަށުންނެވެ.

ޖިނާއީ ދަޢުވާގެ އިތުރުން، ޣައިރު ޤާނޫނީ ގޮތުގައި އެ ކުންފުންޏަށް ވަދެފައިވާ 325,000 ޑޮލަރު (5،011،500 ރުފިޔާ)އާއި ފުށިދިއްގާ މުޢާމަލާތުން ޖަމާވި 50,000 ޑޮލަރުގެ އިތުރުން، އެ ފައިސާ އިންވެސްޓުކޮށްގެން ލިބުނު ފައިދާ އަނބުރާ ދައުލަތަށް ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ވެސް އޭސީސީން ވަނީ ކަނޑައަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *