ގައުމުގެ އިޤްތިޞާދީ ކުރިއެރުމާއި، ޑިޖިޓަލް އަދި ފަންނިއްޔާތުގެ ކުރިއެރުންތަކާއި، ބައިނަލްއަޤުވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތަކުން ނަފާ ހޯދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ. އެގޮތުން، މުޖުތަމަޢުގެ އެކި ފަންތިތަކުގެ ޖަމުޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ އިތުރުން ހުރިހާ ރައްޔިތުންވެސް ސަމާލުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންސާނީ ކަރާމާތާއި، މިނިވަންކަމާއި، އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ މަސައްކަތުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އިން ބާރުއަޅަނީ، އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ މުޅި ސަރަޙައްދަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އޭގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ޙާލަތަށްދާކަމަށެވެ.
ދިވެހިރާއްޖެއަކީ ބައިނަލްއަޤުވާމީ ބައިވެރިވުންތަކާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވާއިރު، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، މި ޒިންމާ އަދާކުރުމަށްޓަކައި މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި، ސައްޙަނޫން ވަރކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިޞްލާޙުތައް ގެންނަވާފައިވާކަންވެސް ފާހަގަކުރައވާފައެވެ. އަދި ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "މައިގްރެންޓް ވަރކަރސް ރިސޯސް" ސެންޓަރާއި "މައިގްރެންޓް ކަނެކްޓް ޕޯޓަލް" ޤާއިމުކޮށްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އިޞްލާޙުތަކަކީ ނާޒުކު ޙާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދެވޭ އިސްލާހުތަކެއް ކަމަށެވެ. އަދި ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ދެނެގަނެ، ކުށްވެރިން ޖަވާބުދާރީކުރުވުމަށް މުއައްސަސާތައް އިތުރަށް ޤާބިލުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2029 އެކުލަވައިލުމަކީ، އަނިޔާލިބޭ ފަރާތްތައް ދެނެގަނެ ރައްކާތެރިކަން ދިނުމާއި، ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިން ހިމެނޭހެން ހުރިހާ ބައިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ސާފު މަގުޗާޓެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އަދިވެސް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ބޭނުންވަނީ އެކި ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ކުރެވޭ އެކުވެރި މަސައްކަތްތަކެއް ކަމަށެވެ. އަދި އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އަތުވެގެންވާނެ އެއްޗެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެމަނިކުފާނު ވަނީ މުއައްސަސާތަކުން އެއް އަޑަކުން ވާހަކަދައްކައި، ގައުމުގެ ތަރައްޤީއާއެކު ޢަދުލުއިންޞާފު ޤާއިމުވެ، ކޮންމެ މީހަކަށްމެ އިޙްތިރާމާއި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ޢަޒުމް އާކުރުމަށް ގޮވާލައްވާފައެވެ.






